ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއުވުމަށް ވެކްސިނެއް ތަރައްގީކޮށް، އާންމުކޮށް ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ އިއްތިހާދީ އުސޫލުން ކުރިއަށް ގެންދާ އެއްވެސް މަޝްރޫއެއްގައި ބައިވެރިނުވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ހާމަކޮށްފިއެވެ.

އެމެރިކާ ސަރުކާރުގެ މި ނިންމުމަކީ އެކި ޖަމާއަތްތަކުން ބައިވެރިވާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ މުއައްސަސާތަކުން ކުރިމަތިކުރުވާ ޕްރެޝަސަރުގައި ފިތެން ބޭނުން ނުވާތީ ނިންމި ނިންމުމެއް ކަމަށް މައުލޫމާތު ލިބެއެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޑަބްލިއުއެޗްއޯ އޮތީ ޗައިނާ ކޮޅަށް ބުރަވެ ކަމަށާ، ޑަބްލިއުއެޗްއޯއަކީ ޗައިނާގެ ގޮނޑިކޮއްކޮ ޖަމިއްޔާއެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެ މުއައްސަސާއިން އެމެރިކާ ވަކި ކުރުމުގެ އަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ/ފޮޓޯ: އޭއެފްޕީ

ސަރަހައްދީ އިމަކަށް ބެލުމެއް ނެތި މުޅި ދުނިޔެއަށް ހެން ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން ދިފާއުވުމަށް ވެކްސިނެއް ތަރައްގީކޮށް، އާންމުންނާ ހިސާބަށް ގެނައުމަށް ހަލުވި ދުވެލީގައި، ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންދާއިރު، 150 އަށް ވުރެ ގިނަ ގައުމުންވަނީ، ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް ފެސިލިޓީ (ކޮވެކްސް)ގައި ބައިވެރިވެފައެވެ.

ވައިޓްހައުސްގެ ތަރުޖަމާނު ޖަޑް ޑީރީ ވިދާޅުވީ، ކޮރަޕްޓްވެފައިވާ ޑަބްލިއުއެޗްއޯއާއި ޗައިނާ ފަދަ ގައުމުތަކާ އެކުގައި މަސައްކަތް ނުކުރި ކަމުގައި ވީ ނަމަވެސް، އެމެރިކާގެ ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތްތަކެއް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް، އެމެރިކާއިން ނެރޭ ވެކްސިނަކީ ރައްކާތެރިކަމާއި ކާމިޔާބީގެ މިންގަނޑުތަކުގެ "ރަން ގިންތީގައި" ހިމެނޭނެ ވެކްސިނެއް ކަން ކަށަވަރު ކުރުމަށް، ޓްރަމްޕްގެ ސަރުކާރުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ވައިޓް ހައުސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް (ވ)، ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާ ބައްދަލުކުރައްވަނީ/ފައިލް ފޮޓޯ: އޭޕީ

އާންމު އުސޫލުން ގިނަ ބައެއްގެ މެދުގައި ބޭނުން ކުރެވޭ ދަރަޖައަށް އަދި މިހާތަނަށް ކޮވިޑް-19ގެ އެއްވެސް ވެކްސިނެއް ތަރައްގީ ކުރެވިފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާ، ރަޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަނީ، އެ ގައުމުތަކުން ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް ފަށާފައިވާކަން ހާމަކޮށްފައެވެ. މިއީ އާންމުންނާ ހިސާބަށް ވެކްސިން ގެނައުމުގެ ކުރިން، ފުރިހަމަ ކުރަންޖެހޭ އެންމެ ފަހު މަރުހަލާއެވެ.

ވެކްސިނެއް ތަރައްގީ ކޮށް އާންމުންނާ ހިސާބަށް އަންނަންވާއިރަށް، ބޮޑެތި ގައުމުތަކުން މިހާރުވެސް ވަނީ އެތައް މިލިއަން ޑޯޒެއްގެ ވެކްސިންތައް ގަނެފައެވެ. ކަންމިހެން އޮތްއިރު، އިގުތިސޯދީ އަދި މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ގައުމުތަކަށް ވެކްސިން ކަށަވަރު ކުރުމަށް، ކޮވެކްސް ޕްލެޓްފޯމް އެހީއަކަށް ވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ދަނީ ބުނަމުންނެވެ.