ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތަޢާރަފުކޮށްފިއެވެ.
ދިރާގުން ބުނީ، އެ ކުންފުނިން ދޭ ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޑާ އެންމެ ބާރު ސްޕީޑްގައި ލިބިގެން ދާނެ ކަމަށެވެ. އަދި އެއް އަހަރު ދުވަހަށް ހިލޭ ވާޗުއަލް މީޓިން ރޫމް ހިދުމަތްވެސް މި ޕެކޭޛްގެ ތެރެއިން ލިބިގެން ދާނެ ކަމަށެވެ. މި ބަދަލުތަކާއެކު މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
އެ ޕެކޭޖްތަކަށް އިތުރު ހަރަދަކާ ނުލާ 40 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ޑޭޓާ ލިބިގެންދާނީ އެންމެ ބާރު ސްޕީޑްގައި ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް މި މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށާއި ޕެކޭޖްތަކަށް އައިސް ހުރި ބަދަލުތަކާ ބެހޭ އިތުރު ތަފުސީލު މި ލިންކުން ލިބިގެން ދާނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.
ދިރާގުން ވަނީ ބިޒް ފައިބާ ބޭސިކް 10އެމް ޕެކޭޖުން މަތީގެ ޕެކޭޖުގް ގެންގުޅޭ ވިޔަފާރިތަކަށް އެއް އަހަރު ދުވަހުގެ ނިޔަލަށް ހިލޭ ވާޗުއަލް މީޓިން ރޫމް ހިދުމަތް ދިނުމަށްވެސް ހަމަޖައްސާފައިއެވެ. އެއީ "ކްލައުޑް ހޮސްޓެޑް" ހިދުމަތެއްގެ އިތުރުން، އޯޑިއޯ އަދި ވީޑިއޯ ކޯލްވެސް ކުރެވޭ ޚިދުމަތެއް ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ވިޔަފާރިތަކުގެ މަސައްކަތްތެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ދިރާގުން ވަނީ މަކްރޯސޮފްޓް އޮފީސް 365 އެޑް-އޮންސް ތައާރަފުކޮށްފައެވެ. އޮފީސް 365ގައި ހިމެނޭ އެންމެ ފަހުގެ އެޕް ތަކާއި، ކްލައުޑް ހިދުމަތުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސެކުއިރީޓީގެ ސަބަބުން ވިޔަފާރިތަކަށް މަސައްކަތުގައި އިތުރު ކުރިއެރުމާއި ފަސޭހަ ލިބިގެންދާނެ ކަމަށް ބެލެވޭކަމަށް ދިރާގުން ބުނެއެވެ.
ދިރާގުގެ ޑިރެކްޓާ ބިޒްސަސް ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވި ގޮތުގައި، ނިއު ނޯމަލްގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ވިޔަފާރިތަށް މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިކަމަށެވެ. އެހެންކަމުން ބިޒް ފައިބާ ޕެކޭޖްތަކަށް ގެނައި ބަދަލުގެ އިތުރުން، ދިރާގުން ފޯރުކޮށްދޭން ގަސްތުކޮށްފައިވާ އިތުރު ވެލިއު އެޑެޑް ސަރވިސްތަކުގެ ސަބަބުން ދިރާގުގެ ބިޒްނަސް ކަސްޓަމަރުންގެ ޑިޖިޓަލް ކޭޕަބެލިޓީސް އާއި ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް މުސްތާގް ވިދާޅުވިއެވެ.
ދިރާގުން ބިޒްނަސް ފައިބާ ބްރޯޑްބޭންޑް ހިދުމަތައް ބޮޑު ބަދަލެއް ގެނެސްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގެ އިތުރުން ބޮޑު ވިޔަފާރިތަކަށްވެސް ޑިޖިޓަލް ޚިދުމަތް ހޯދުމަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. އަދި ދިރާގުން ދާދި ފަހުން ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށްވެސް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.