ށ. ފީވަށް އަދި ރ. ރަސްމާދޫން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ށ. ފީވަކުން ޕޮޒިޓިވްވީ އުމުރުން 54 އހަަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި ރ. ރަސްމާދޫން ޕޮޒިޓިވްވީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. މި މީހުން ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ ފުރަބަންދު ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

ފީވަކާއި ރަސްމާދޫން 2 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، މިއަދު ޅ. ނައިފަރުން 4 މީހަކު، ދ. ކުޑަހުވަދޫން 4 މީހަކު އަދި ގއ. ދާންދޫން 2 މީހަކާއި ބ. އޭދަފުށިން 4 މީހެއްގެ އިތުރުން އައްޑޫން 2 މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު އިއްޔެ ވެސް ކޮވިޑަށް ވަނީ 137 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 129 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 8 މީހުންނެވެ.

ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 7804 އަށް އަރާފައެވެ. އޭގެ ތެރެއިން 5155 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2615 އަށް ވަނީ އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 2615 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 172 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 31 ރަށެއްގައެވެ. އަދި 15 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 14 ފަތުރުވެރިންނާއި 18 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.