މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ކަނޑައެޅިގެން ކަށަވަރު ކުރެވިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގޭ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރަމުންދަނީ އިންޑިއާއިން ކަމަށް ތަފާސް ހިސާބުތައް ބުރަވެއެވެ. ނިމިދިޔަ އޯގަސްޓް މަހުވެސް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރީ އިންޑިއާއިން ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ.

ކަން މިހެން އޮތް ނަމަވެސް، އިންޑިއާ މިވަނީ އާ މަރުހަލާއަކަށް މިސްރާބު ޖަހާފައެވެ. ރެކޯޑް ކޭސްތަކާއެކުވެސް އިންޑިއާއިން މިވަނީ، އާ އާންމު ހާލަތުގެ ދަށުން، އިތުރު ލުއިތަކެއް ދީ، ގައުމު އަލުން ހިންގައިގަތުމާ ދިމާލަށް އަމާޒު ހިފާފައެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހުއްޓުމަކަށް ގެނައި ސަބްވޭ ރޭލުތައް، އެތައް މަހެއްގެ މެދުކަނޑުމަށްފަހު އަލުން ހިންގައިގަތުމަށް އެގައުމު އޮތީ ތައްޔާރުވެފައެވެ.

އިންޑިއާގެ ހޮސްޕިޓަލުގެ ބޭރުގައި އޮކްސިޖަން ސިލިންޑަރު ހޯދުމަށް ބަލި މީހުންގެ އާއިލާތަކުން ސަފު ހަދާފަ/ފޮޓޯ: މުޚްތާރު ހާން

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 75000 މަތިން ރެކޯޑް ކުރަމުންދާތާ މިހާރުވެސް، ވިދިވިދިގެން 5 ދުވަސް ވެއްޖެއެވެ. މިއީ ދުނިޔޭގެ ނިސްބަތުން ކޭސްލޯޑަށް ބަލާއިރުވެސް އިންތިހާ ހަލުވި މިނެއްގައި ކޭސް އިތުރުވަމުންދާ ގައުމެކެވެ. ފާއިތުވެދިޔަ ހަފުތާތަކަށް ބަލާއިރު، އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވަނީ އިންތިހާ ހަލުވި މިނެއްގައެވެ. 1 މިލިއަން ކޭސް ހަމަވުމަށް 6 މަސްދުވަސް ހޭދަވިއިރު، 2 މިލިއަން ފާހަގަ ކުރަސް ހުރީ 3 ހަފުތާގެ ތެރޭގައެވެ. ނަމަވެސް 3 މިލިއަންގެ ފާހަގަ ހުރަސްކުރީ ޖެހިގެން އައި 16 ދުވަހުގެ ތެރޭގައެވެ.

މި ރޭޓުގައި ކޭސްތައް އިތުރުވަމުން ގޮސް، އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 368793 އަށް އަރާފައެވެ. 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދާ ބްރެޒިލްއާ އަރާ ހަމަ ކުރަނީއެވެ.

ކޮވިޑް-19ގެ ވަގުތީ ހޮސްޕިޓަލެއްގެ ގޮތުގައި އިންޑިއާއިން ބޭނުން ކުރަމުން އަންނަ ސްވަރުނާ ޕެލަސް ހޮޓެލްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން/ފޮޓޯ: އޭޕީ

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން ދިޔަ ނަމަވެސް، މި ބަލީގައި އިންޑިއާއިން މަރުވާކަމަށް ރިޕޯޓްތަކުން ދައްކާ އަދަދުތައް އިންތިހާއަށް މަދެވެ. މި ބަލީގައި އިންޑިއާއިން މިހާތަނަށް މަރުވި ކަމަށް ރެކޯޑް ކޮށްފައިވަނީ 65435 ކޭހެކެވެ. މިއީ ދުނިޔޭގެ ނިސްބަތުން 3 ވަނައެވެ. ނަމަވެސް އެންމެ ކުރީގައި އޮތް 2 ގައުމާ އަޅާ ބަލާއިރު، އިންތިހާއަށް ދަށް އަދަދެކެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި އެ ގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތަކީ 1.79 ޕަސެންޓެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު އިންޑިއާގައިވެސް ލޮކްޑައުންގެ ހަރުކަށި އަމުރުތަކެއް ތަންފީޒު ކުރިއެވެ. ނަމަވެސް، މިހާރު ފެނިގެންދަނީ އެ ފިޔަވަޅުތަކަށް ލުއިދޭ މަންޒަރެވެ. "އަންލޮކް" ގެ ނަމުގައި އިންޑިއާއިން ހިންގާ މަޝްރޫއުގެ 4 ވަނަ މަރުހަލާ، މިއަދު ފަށާނެ ކަން އެ ގައުމުގެ ދާހިލީ ވުޒާރާއިންވަނީ ހާމަކޮށްފައެވެ. އެގޮތުން، ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު، މެޓްރޯ ރޭލުގެ ހިދުމަތްތައް ފަށަން ހަމަޖެހިފައި ވާ ކަމަށް ދާހިލީ ވުޒާރާގެ ބަޔާނުގައިވެއެވެ.

އިންޑިއާގެ ގުޖުރާތުގައި ސިއްހީ ހިދުމަތްތެރިއަކު ކޮވިޑް-19 ސާމްޕަލެއް ނަގަނީ/ފޮޓޯ: އަނޫޕަމް ނާތު

އާ އާންމު ހާލަތު (އަންލޮކް-4)ގެ ދަށުން 100 މީހުންނާ ހަމައަށް އެއްވުންތައް ބޭއްވުމުގެ ހުއްދަ އޮވެއެވެ. ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން ފަށައިގެން މި ކަމަށް ފުރުސަތު އޮންނަނީ ވަކި ޝަރުތުތަކަކާއެކުގައެވެ. އެގޮތުން، ފޭސްމާސްކު ބޭނުން ކުރުމާ، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުން މަޖުބޫރެވެ. އަދި މި ފުރުސަތު އޮންނަނީ ކުޅިވަރު މައިދާންތަކާ، މުނިފޫހިފިލުވުމާ ސަގާފީ ކުޅިވަރުތަކުގެ އިތުރުން ދީނީ އަދި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން، ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު މަންޒިލްތަކުން ބޭރުގައި އެކަންޏެވެ.

މިމަހުގެ ނިޔަލަށް ސްކޫލްތަކަށް ހާޒިރުވެގެން ކިޔެވުން އޮތީ މެދުކަނޑާލާފައެވެ. ނަމަވެސް، އޮންލައިން ޕްލެޓްފޯމުގައި ކުލާސްތައް ކުރިއަށް ގެންދާ މުދައްރިސުންގެ ތެރެއިން، 50 އިންސައްތަ މުވައްޒަފުންނަށް ކެމްޕަހަށް ހާޒިރުވެގެން ފިލާވަޅު ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ގުރޭޑް 9-12 އާ ދެމެދު ކުލާސްތަކުގައި ކިޔަވާ ދަރިވަރުން އަމިއްލައަށް އެދިގެން ސްކޫލަށް ހާޒިރުވާ އުސޫލުން ކިޔެވުން ކުރިއަށް ގެންދިއުމަށްވެސް އިންޑިއާ އޮތީ ތައްޔާރުވެފައެވެ.

ޒޫމް ކުލާހުގައި ޓީޗަރަކަށް އަމާޒުކޮށް ބުލީކުރަމުންދިޔަ މަންޒަރު ގެ ސްކްރީން ގްރޭބެއް/ފޮޓޯ: އިންޑިއާ ޓުޑޭ

އިންޑިއާގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 785127 ކޭހެކެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 2837377 މީހަކަށް ޝިފާ ލިބި، ރަނގަޅުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އިންޑިއާއިންވެސް ދަނީ ކޮވިޑް-19ގެ ވެކްސިނަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅަށް، ވެކްސިނެއް ލިބޭ ވަރު ވާނެ ކަމަށް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.