އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބު މުކަރުޖީ އަވަހާރަވެއްޖެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައިވާކަން މިމަހުގެ ކުރީކޮޅު އިއުލާން ކުރެއްވި ޕްރަނާބު މުކަރުޖީ އަވަހާރަވިކަން އިއުލާން ކުރެއްވީ، މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން، ދަރިކަލުން އަބީޖީތު މުކަރުޖީއެވެ.

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބު މުކަރުޖީގެ ސިއްހީ ހާލުކޮޅު ދެރަވަމުން އަންނަ ކަމަށް، އޭނާއަށް ފަރުވާ ދެމުންދާ އަސްކަރިއްޔާގެ ރިސާޗް އެންޑް ރެފަރަލް ހޮސްޕިޓަލުން ވަނީ މިއަދު ހާމަކޮށްފައެވެ. ޕްރަނާބުގެ ސިއްހީ ހާލުކޮޅު ދަށަށް ދާން ފަށަފައިވަނީ، ފުއްޕާމޭގެ އިންފެކްޝަނަކާ ގުޅިގެން، ސެޕްޓިކް ޝޮކެއް އައިސްގެން ކަމަށް އޭނާއަށް ފަރުވާ ދެމުންދިޔަ އަސްކަރިއްޔާގެ ރިސާޗް އެންޑް ރެފަރަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުން އޭރު ހާމަކުރިއެވެ.

ޕްރަނާބު މުކަރުޖީ އަވަހާރަވުމާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުކަރުޖީއަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ހިދުމަތްތެރިއެއް ކަމަށާ، އޭނާގެ ވަކިވެ ދިއުމަކީ ހަމައެކަނި އިންޑިއާ ލިބޭނެ ގެއްލުމެއް ނޫންކަމަށާ، އެއީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށްވެސް ލިބޭނެ ބޮޑު ނިކަމެތިކަމެއް ކަމަށެވެ.

ޕްރަނާބު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ނިމިގެން މިދާ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހު އޭނާގެ ސިކުނޑީގެ ސާޖަރީއެއް ހެދިއެވެ. އެއީ ސިކުނޑީގައި ގަނޑުވެފައިވާ ލޭކޮޅެއް ނެގުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ފުއްޕާމޭގެ އިންފެކްޝަން އުފެދުނީ އޭގެ ފަހުން ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ 13 ވަނަ ރައީސްގެ ގޮތުގައި ޕްރަނާބު މުކަރުޖީ އެ ގައުމަށް ހިދުމަތް ކުރެއްވީ 2012 އިން 2017 ވަނަ އަހަރުގެ ނިޔަލަށް ހަމަވި ދައުރުގައެވެ.