ރަޖިސްޓާ ނުކޮށް ކާބޯތަކެތި ވިއްކާ ފަރާތްތަަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ އެޖެންސީއާއި އަދި ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓާ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްތައް ދެމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރަޖިސްޓާ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާމެދު، ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް އެފަރާތުން ބުނެއެވެ.

ރަޖިސްޓާ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގަ އާއި އެހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީ ހިދުމަތް ދެމުންގެންދާ ކަމުގެ މައުލޫމާތާއި ޝަކުވާ ލިބެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ނަމަ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ގަވާއިދަށް އަމަލު ކުރުމަށް އެ ފަރާތުން އެދެއެވެ. އަދި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނެގުމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކުން ވެސް ރަޖިސްޓާ ނުކޮށް ހިންގާ ތަންތަނުން ހިދުމަތް ނުހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހުއްދަ ނުނަގާ، ގަވާއިދާ ހިލާފަށް ރަޖިސްޓާ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެޗްޕީއޭއިން ބުނެއެވެ.

މިފަހަކަށް އައިސް އޮންލައިންކޮށް ވިޔަފާރި ކުރެވޭ ފުރުސަތު ހުޅުވިފައިވާތީ ގިނަ އަދަަދެއްގެ މީހުން ދަނީ ގޭގައި ކާބޯތަކެތި އުފައްދާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އިސްތިހާރުކޮށް އެފަދަ ތަކެތި ވިއްކަމުންނެވެ. މިފަދަ މަސައްކަތްތައް ގިނަ ވަމުން އަންނަ އިރު ބައެއް ފަހަރު ބިދޭސީން ދިރިއުޅޭ ތަންތަނުގައި ހެދިކާ ހަދައި ރޮށި ފިހެ ފޯއްކޮށައިގެން، ވިޔަފާރި ކުރާ ފަދަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.