ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެގެން އަވަށްޓެރި އިންޑިއާއިން އަނެއްކާވެސް ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އާދީއްތަ ދުވަހު އެކަނިވެސް އިންޑިއާއިން ވަނީ 79457 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ރެކޯޑް އަދަދެކެވެ. އާދީއްތަ ދުވަހު ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑްކުރީ އެމެރިކާއާއި ބްރެޒިލްއިންނެވެ. އެމެރިކާއިން 33981 ކޭސް ރެކޯޑް ކުރިއިރު، ބްރެޒިލްއިން ރެކޯޑް ކުރީ 15346 ކޭހެކެވެ.

އިންޑިއާއިން އާދީއްތަ ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވި ރެކޯޑް އަދަދާއެކު، އެ ގައުމުން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 3619169 އަށް އަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ގައުމުން ކޭސް ރެކޯޑް ކުރި އަދަދެވެ. ނަމަވެސް، ނިމިގެން މިދާ އޯގަސްޓް މަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައިވަނީ އިންޑިއާއިން ކަންވެސް ފާހަގަކުރަންޖެހެއެވެ.

ކޮވިޑް-19 ޖެހިގެން އާދީއްތަ ދުވަހު އިންޑިއާއިން 960 މީހަކު މަރުވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އިއްޔެ އެންމެ ގިނަ އަދަދަކަށް މަރުގެ ރިޕޯޓްވެސް ކުރީ އިންޑިއާއިންނެވެ. އިންޑިއާއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 64617 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

އިންޑިއާގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭހުގެ ގޮތުގައި 781624 ޕޭޝަންޓަކު އެބަތިއްބެވެ. މީގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ބަލި ޖެހުނު ޖުމުލަ މީހުންނަށް ބަލާއިރު، 2772928 މީހަކަށް ޝިފާ ލިބި، ރަނގަޅުވެފައި ވާކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް، އިންޑިއާގައި ބަލިން ރަނގަޅުވި ކަމަށް ބަލާ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައި ވާކަންވެސް ފާހަގަކުރަންޖެހެއެވެ. އެގޮތުން ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ފެންނަ ޕޭޝަންޓުންގެ ހަށިގަނޑުން އަލާމާތްތައް ފެންނަން ފަށާތާ 10 ދުވަސް ހަމަވުމުން، ބަލީގެ އާލާމާތްތައް ނުފެންނަމަ، އެއީ ރަނގަޅުވެފައިވާ މީހެއް ކަމަށް ނިންމައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއަށް ބަލާއިރު، ކޮންމެ 382 މީހަކުން 1 އަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.