5832 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު އުރީދޫ މޯލްޑިވްސްއިން ފެށި އަތޮޅު ދުވުން ފުރިހަމަ ކުރުމަށް ދީފައިވާ ވަގުތު އެ ކުންފުނިން އިތުރުކޮށްފިއެވެ.

އުރީދޫން ބުނީ، އަތޮޅު ދުވުމުގެ 5 ކިލޯ މީޓަރުގެ ދުވުން ފުރިހަމަ ކުރަންޖެހޭ ވަގުތު ކަމުގައި ކަނޑައަޅާފައި ވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ 23:59 ކަމަށެވެ. ނަމަވެސް މިހާރު މި ވަގުތު އިތުރުކޮށް ފަހު ވަގުތު ކަމުގައި ކަނޑައަޅާފައި ވަނީ އޮގަސްޓް 31 ވަނަ ދުވަހުގެ 23:59 އެކެވެ. އުރީދޫން ބުނީ، މި ވަގުތު އިތުރުކޮށްފައި ވަނީ ރަޖިސްޓާވެފައިވާ ގިނަ ދުވުންތެރިންނަށް ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

5 ކިލޯމީޓަރގެ ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ އިރު 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވާ ދުވުންތެރިން، ގޭގައި ހުރެގެންވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކެއްގައިވެސް މި ދުވުން ފުރިހަމަކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. 5 ކިލޯމީޓަރުގެ ދުވުން ފުރިހަމަ ކުރުމުން، އުރީދޫ އަތޮޅު ދުވުމުން ރެކޮމެންޑްކޮށްފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން އެޕްލިކޭޝަނެއް މެދުވެރިކޮށް ދުވުން ޓްރެކް ކުރެވޭނެއެވެ.

އެގޮތުން ސްޓްރާވާ، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކީ ރަން ކްލަބް، އަދި ރަންކީޕަރ ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ދުވުން ފުރިހަމަ ކުރުމަށް ފަހު، ދުވުމުގެ ރޫޓް ފެންނަގޮތަށް ސްކްރީން ޝޮޓެއް އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ފޮނުވުމުން ވާޗުއަލް މެޑަލް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

15 ކިލޯމީޓަރގެ ދުވުމަކީ އުރީދޫ މޯލްޑިވްސްގެ މި ވަރޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިންނާއެކު 15 ކިލޯމިޓަރު ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާނެ ދުވުމެއް ކަމަށް އުރީދޫން ބުނެއެވެ. މި 15 ކިލޯމީޓަރުގެ ދުވުމަކީ ވާޗުއަލް ރިލޭއެކެއެވެ.

އުރީދޫ އަތޮޅު ދުވުމުގެ ޕާޓްނަރުންނާއި ގުޅިގެން ދުވުމުގެ ބައިވެރިންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫން ބުނެއެވެ. އެ ގޮތުން ދިނުމަސް ހަމަޖެހިފައިވާ އިނާމުތަކަކީ:

  • ދުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބޭނެއެވެ. ފޮޓޯ ޝެއާ ކުރާ އިރު އުރީދޫގެ އެކައުންޓް ޓެގްކޮށް OoredooAtholhuDhuvun #MavesDhuvan# ހޭޝްޓެގް ބޭނުން ކުރަން ޖެހޭނެއެވެ. މީގެ އިތުރުން ޕޯސްޓް ފެންނާނެހެން އެކައުންޓް ޕަބްލިކް ކުރުމަށްވެސް އުރީދޫ އިން އިލްތިމާސްކުރެއެވެ.
  • ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދޭ ހާއްސަ އިނާމެއްގެ ލިބިގެންދާނެއެވެ.
  • ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗާ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ މީހަކަށް ރޭގަނޑުގެ ކެއުމެއް ލިބޭނެއެވެ.

އަތޮޅު ދުވުމުގައި ބައިވެރިވާ އެންމެހާ ދުވުންތެރިންވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމޭހިތުމަށް އުރީދޫން އިލްތިމާސްކުރެއެވެ.