ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ ސިޔާސީ ބޭނުމެއްގައި ކަމަށާ އެކަމުން އެނގިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގޮތެއް ފޮތެއް ނެތްކަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު، ރައީސް ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދައްކަވަން ފަސޭހައަކަށް ކަމަށާއި ފުލުުހުންގެ އިދާރާއަށް ހާޒިރުކުރުމަކީ ސިޔާސީ ކަމެއް ކަމަށެވެ.

އަދި ރައީސް ވަހީދު ވަނީ ކުރީގެ ރައީސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް އިޝާރާތް ކުރައްވައިވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ވަހީދު ވިދާޅުވީ "ދެ ރަދުން" ފޮތް ނެރުމަށް އެ ފޮތުގައި ސޮއި ކުރައްވަން އިންނެވީ މާސްކް ނާޅުއްވައި ކަމަށާއި އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމަށް އެއާޕޯޓުގައި ވެސް އެތައް ބަޔަކު ގޮވައިގެން ނަޝީދު އުޅުއްވީ މާސްކް ނާޅުއްވައި ކަމަށެވެ.

އަޅުގަނޑުވެސް މިއީ ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައިވާ މީހެއް. ދުވަހަކުވެސް، ދުވަހަކުވެސް ސިޔާސީ ބޭނުމަށްޓަކައި ފުލުުހުން ބޭނުންކޮށްފައެއް ނޯންނާނެ. ފުލުހުންގެ މުއައްސަސާ އަގުވައްޓާލުމުގެ މަސައްކަތް ކޮށްފައެއް ނޯންނާނެ، އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ގޮތެއް ފޮތެއް ނެތީއޭ
ރައީސް ވަހީދު

އެކަމާ ގުޅިގެން ރައީސް ވަހީދު ވިދާޅުވީ ރައީސް ނަޝީދަށް އެއްވެސް ފިޔަވޅެއް ނޭޅުއްވުމުން ދޭހަވަނީ ހަމަ އެންމެ ކަމެއް ކަމަށާއި އެއީ ރައީސް ވަހީދަކީ މިއަދު ސަރުކާރުގެ އޮޕޮޒިޝަންގައި ހުރި ބޭފުޅެއްގެ ހައިސިއްޔަތުންން ފުލުހަށް ހާޒިރު ކުރެއްވީ ކަމަށެވެ. އެހެން ނޫންނަމަ ހާޒިރު ނުކުރައްވާނެ ކަމަށްވެސް ަރއީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު މިއަދު ހަވީރު 4:00 ގައި ޕޮލިހަށް ހާޒިރުކުރީ އިދިކޮޅުން ކޯލީޝަނުން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީގައި ހުންނަވައި މާސްކް ނާޅުއްވައި ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، މާލޭގައި ބޭރުގައި އުޅޭއިރު މާސްކް އެޅުމަކީ މިހާރު މަޖުބޫރު ކަމެއް ކަމަށް ވަނީ ނިންމާފައެވެ.