ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެގޮތައް ނިންމާފައި ވަނީ މިއަދު އެސްޓީއޯ އިން ވާޗުއަލްކޮށް ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. މިދިޔަ އަހަރަކީ އެކުންފުންޏަށް މާލީ ގޮތުން އެންމެ ފައިދާ ލިބުނު އަހަރު ކަމަށް އެކުންފުނިން ބުނެއެވެ.

އެ ޖަލްސާގައި ބައިވެރިވި އާއްމު މެންބަރުގެ ވޯޓުން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ނިންމުމާއެކު، އެ ކުންފުނީގެ ހިއްސާއަކަށް ޖެހޭ އަދަދު 58 ރުފިޔާގައި ހިފެހެއްޓިފައި އޮންނަތާ ދެ އަހަރުވީއެވެ. އެސްޓީއޯ އިން 2018 ވަނަ އަހަރު ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 58 ރުފިޔާއެވެ.

އެސްޓީއޯ ގްރޫޕް އެއްކޮށްލައިގެން ބަލާނަމަ ސާފު ފައިދާ އުޅެނީ 383 މިލިއަން ރުފިޔާއެވެ. އަދި ވަކިން ބަލާނަމަ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 14 މިލިއަން ރުފިޔާއާ އަޅާކިޔާނަމަ ގާތްގަނޑަކަށް 95 ޕަސެންޓުގެ އިތުރުވުމެކެވެ.

އެ ކުންފުނިން މިއަދު ބޭއްވި ޖަލްސާގައި 52 މެންބަރުން ބައިވެރިވެފައި ވާއިރު، އެ ޖަލްސާގައި ވަނީ ހިއްސާދާރުންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހ. މޮސްކޯގެ އާމިނަތު ރުޝްމާ އައްޔަން ކޮށްފައެވެ.