ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ހ. މޮސްކޯގެ އާމިނަތު ރުޝްމާ އައްޔަން ކޮށްފިއެވެ.

ރުޝްމާ މަގާމަށް އައްޔަން ކޮށްފައިވަނީ މިއަދު އެސްޓީއޯ އިން ވާޗުއަލްކޮށް ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. ރުޝްމާ އަކީ 2019 ވަނަ އަހަރުވެސް ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުންނެވި ބޭފުޅެކެވެ.

އެ ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވާ އިރު، ޕްރޮކްސީގެ ގޮތުގައި 41 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. އެސްޓީއޯގެ ބޯޑަށް ރުޝްމާ އައްޔަނުކުރަން ނިންމީ ވޯޓުގައި ބައިވެރިވި 52 ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އައްޔަން ކޮށްފި / ފޮޓޯ: އެސްޓީއޯ

ކޮވިޑް-19އާ ގުޅިގެން ފުރަތަމަ ފަހަރަށް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބާއްވާފައިވާ އިރު، އެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

ސަރުކާރުގެ ފަރާތުން އެސްޓީއޯގެ ބޯޑުގައި ތިބި ޑިރެކްޓަރުން ކުރިއަށް އޮތް އަހަރުވެސް އެ މަގާމުގައި ތިބުމަށް ފިނޭންސް މިނިސްޓްރީން އެސްޓީއޯއަށް އަންގައިފައި ވުމުން ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާނީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހާމިދު ނަޝީދު މުހައްމަދާއި، މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މުހައްމަދު ރަޝާދާއި، މުހައްމަދު މިހާދާއި ސިމާދު އިބްރާހިމް އަދި ގައިސް އިސްމާއިލްގެ އިތުރުން އިސްމާއީލް ޖުމައިލް ރަޝީދެވެ.