ރޭ ޓިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި، އެ ކެފޭ ޖެހިގެން ހުރި އުރީދޫ ހެޑްކުއާޓާސް ހިންގާ އިމާރާތް، ހ. ސަންލީޓް (ގަދަގޭ މުހައްމަދުފުޅު ބިލްޑިން) ގައި އަލިފާން ހިފުމުގެ ސަބަބުން އޮފީހަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، ހިދުމަތްތަކަށް ބުރޫ ނާރާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫއިން ބުނީ އަލިފާނުގެ ހާދިސާގައި އުރީދޫ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެ އޮފީސް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމާއެކު، ރީޖަނަލް އޮފީސްތަކާއި ހުޅުމާލޭގައި ހުންނަ އުރީދޫގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން އުރީދޫން ދޭ އެއްވެސް ހިދުމަތެއް މި އަލިފާނުގެ ހާދިސާގެ ސަބަބުން މެދުނުކެނޑޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ އޮފީހެކޭ އެއްފަދައިން އެހެން ވިޔަފާރިތަކާއި، އާންމު ފަރާތްތަކަށް ވެސް މި އަލިފާނުގެ ސަބަބުން އަސަރު ކޮށްފައިވާ ކަމަށެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް އުރީދޫން ބުނީ، އެ ކުންފުނިން ތިބޭނީ އެ ފަރާތްތަކާއެކު ކަމަށެވެ. ހަމައެއާއެކު، އަލިފާނުގެ ހާދިސާގައި އުރީދޫގެ މުވައްޒަފަކަށް ނުވަތަ އެ ސަރަހައްދުގައި އުޅުނު އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާތީ އުރީދޫން ވަނީ އުފާ ފާޅުކޮށްފައެވެ.

އުރީދޫން ވަނީ މި ދަތި އަދި ސިހުން ގެނުވާ ވަގުތުގައި ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އެއްވެސް ހިދުމަތަކަށް ބުރޫ އެރިޔަ ނުދިނުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް އުރީދޫން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އަލިފާނުގެ ހާދިސާގައި އުރީދޫގެ އޮފީހަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވާއިރު، ލިބިފައި ވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއްވެސް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފާ ނުވާއިރު ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުންނެވެ.