ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކައުންސިލު މެންބަރުންނާ ބައްދަލުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފިއެވެ.
ސަން އޮންލައިންއިން ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަން އޮންލައިން ނޫހުގައި "މާލޭގެ މޭޔަރުގެ އިތުބާރު ނެތް ކަމުގެ ވޯޓް މިއަދު ނަގަނީ، ނަޝީދުގެ އިންޒާރެއް" އެސުރުހީގެ ދަށުން މިއަދު ޝާއިއުކޮށްފައިވާ ހަބަރުގައި ރައީސް ނަޝީދު ކައުންސިލު މެންބަރުންނާ ބައްދަލުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށެވެ.
އޭގެ އިތުރުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ކައުންސިލަރުންނާ ބައްދަލުކޮށް ޕާޓީގެ ލީޑާޝިޕް އަދި ކައުންސިލު މެންބަރުން ގުޅިގެން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކުގެ މަޝްވަރާކުރެވުނު އެ ބައްދަލުވުމާ ގުޅިގެން އެހެން ގޮތަކަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގާ ފިނޑި އަމަލެއް ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނީ ޑީ.ޕީގެ ފިކުރަކީ އަބަދުވެސް މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރުންކަމުގައި ވާތީ، އެކަން ކުރިއަށް އޮތްތަނުގައިވެސް ހިނގާނީ އެ އުސޫލުން ކަމަށެވެ.
އެބަޔާނުގައި ވަނީ ކައުންސިލާ އަހުމަދު ޝަމީރު އާއި ކައުންސިލާ ހުސެއިން ޝަރީފް އާއި ކައުންސިލާ އަހުމަދު ނިޔާޒް އަދި ކައުންސިލާ ހަމްނާ ވަހީދު ސޮއެ ކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔާ، ޝިފާ މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ވަނީ ބުނެފައެވެ.
އެގޮތުން އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.
ދޮގެއް ކުރާނެ ކަމެއް ނެތް ކަލެއާ ވަރަށް ވައްތަރު ކަމެއް ހަމަ.