އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަހަރު ކުރީ ކޮޅު ހިންގި ދީނީ ހަމަނުޖެހުންތަކުގައި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި ޖަރީމާތަކެއް، އިންޑިއާ ފުލުހުން ހިންގާފައިވާކަމަށް، އެމްނެސްޓީ އިންޓަނޭޝަނަލްއިން ތުހުމަތު ކޮށްފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ އެމްނެސްޓީއިން ބުނީ، ދިއްލީގައި ހިންގި ހަމަނުޖެހުންތަކުގައި ފުލުހުން ބައިވެރިވި ކަމަށާ، ހިންދޫންނާ ބައިވެރިވެގެން މުސްލިމުންނާ ދެކޮޅަށް ފުލުހުން ހަރަކާތްތެރިވިއިރު، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރުމުގެ އިތުރުން، ހައްޔަރު ކުރި ފަރާތްތަކަށް ލާއިންސާނީ އަނިޔާވެސް ދީފައިވާކަމަށެވެ.

ރަށްވެހިކަމުގެ ގާނޫނުގެ މައްސަލާގައި އިންޑިއާގެ އާބާދީގެ އަގުލަބިއްޔަތު އޮންނަ ހިންދޫންނާ، ބައިމަދު މުސްލިމުންނާ ދެމެދު ފެބުރުވަރީ މަހު ތެރޭގައި ހިންގި ހަމަނުޖެހުންތަކުގައި 50 އެއްހާ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، މީގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އެމްނެސްޓީއިންވެސް ބުނެފައިވަނީ، މި ހަމަނުޖެހުންތަކުގެ ވޭން އުފުލަން ޖެހިފައިވަނީ މުސްލިމުންނަށް ކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

މިކަންކަމަށް ޖަވާބުދާރީ ވުމަށް އެމްނެސްޓީއިން ވަނީ ދިއްލީ ޕޮލީސްއަށް ގޮވާލާފައެވެ. ނަމަވެސް، އެ މުއައްސަސާއިން މިކަމަށް އަދި އިޖާބަ ދީފައެއް ނުވެއެވެ.

3 ދުވަހަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި މުސްލިމުންނަށް ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މުސްލިމުންގެ މުދަލާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ހިންދޫއިން ދިން އިރު، އެކަމަށް މަގުފަހިކޮށްދީފައިވަނީ ފުލުހުން ކަމަށް ބުނެއެވެ. އެގޮތުން މުސްލިމުންނަށް ހަމަލާ ދިނުމަށް އޮއްގާ ހޮވާ ދިނީ ފުލުހުން ކަމަށް ބުނާއިރު، ތަންތަން ލޫޓުވުމަށް ފުރުސަތު ދިނީވެސް ފުލުހުން ކަމަށް ތުހުމަތު ކުރެވެއެވެ.

މި ހާދިސާއަށް 6 މަސް ދުވަސް ފާއިތުވެ ގޮސްފައިވާއިރުވެސް، މިއިން އެންމެ މައްސަލައެއްގެ ތަހުގީގުވެސް އިންޑިއާއިން ކުރިއަށް ގެންގޮސްފައި ނުވާކަން އެމްނެސްޓީއިން ފާހަގަކުރެއެވެ.