ސިއްހީ މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެން، ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ޝީންޒޯ އަބޭ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަމަށް، އަބޭގެ އަރިސް މަސްދަރުތަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކާ ހަވަލާދީ ސީއެންއެންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މަގާމުން އިސްތިއުފާ ދެއްވުމަށް އެދި، އަބޭ ވަނީ ހުށަހެޅުއްވާފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ޖަޕާނުގެ މަސްރަހުގެ އެންމެ ފަހުގެ ތަފްސީލުތައް ހާމަކުރެއްވުމަށް، މިއަދުގެ ވަގުތެއްގައި އަބޭ، ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވަނީ ސިއްހީ ހާލުކޮޅު ދެރަވެގެން ކަމަށް ޚަބަރު ލިބޭއިރު، މިދިޔަ ހޯމަ ދުވަހުވެސް އޭނާ ވަނީ ވެރިރަށް ޓޯކިޔޯގައި ހުންނަ ކޭއީއޯ ޔުނިވާސިޓީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ. މިއީ ހަފުތާއެއްގެ ތެރޭގައި އެނާ ހޮސްޕިޓަލަކަށް ވަޑައިގެންނެވި 2 ވަނަ ފަހަރެވެ.

އަބޭއަކީ ކޯލިޓައިސް ނަމަކަށް ކިއާ، ފަރުވާއެއް ހޯދިފައި ނުވާ ބައްޔެއްގެ ތަކުލީފުތައް އުފުއްލަވާ ފަރާތެކެވެ. ވެރިކަމުގެ ފުރަތަ ދައުރުގައިވެސް އަބޭ ވަނީ ބޮޑުވަޒީރު ކަމުގެ މައްސޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފައެވެ. އޭގެ ފަހުން ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އަބޭ އިސް ކުރެވުނީ 2012 ވަނަ އަހަރުއެވެ.

މިއީ ޖަޕާނުގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭ ކަން ފާހަގަކޮށް، ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވަމުންދާ ވަގުތެއްކަންވެސް ފާހަގަކުރަންޖެހެއެވެ. ޖަޕާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 66285 އަށް އަރާފައެވެ.