ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޓެސްޓު ކުރާ މިންވަރު އިތުރު ކުރަންވީ، ހަމައެކަނި ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ހޯދުމުގެ މަގުސަދުގައި ނޫން ކަމަށާ، ނަމަވެސް ވައިރަހަށް އިންފެކްޓްވެފައިވާ މީހަކާ އެކީ އެއްތާވީ ކޮންޓެކްޓުންނަކީވެސް ޓެސްޓު ކުރެވެންޖެހޭނެ ބައެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެޕިޑެމިއޮލޮޖިސްޓް އަދި ކޮވިޑް-19ގެ ޓެކްނިކަލް ހެޑް މާރިއާ ވެން ކެރްކޯވް ވިދާޅުވެއްޖެއެވެ.

ވެން ކެރްކޯވް ވިދާޅުވީ، ކޮވިޑް-19ގެ ކްލަސްޓާތަކާ ގުޅިގެން ތަހުގީގުތައް ހިންގާއިރު، ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ފެންނަ މީހާއިން ފެށިގެން ބަލީގެ އަލާމާތްތައް ނުފެންނަ މީހާ ޓެސްޓު ކުރެވޭ ދަރަޖައަށް މިމަސައްކަތްތައް ފުޅާ ކުރަން ޖެހިދާނެ ކަމަށެވެ.

ބޭނުން ކުރުމަށްފަހު ރައްކާތެރި ނޫން ގޮތަކަށް މަގުމައްޗަށް އެއްލަލާފައިވާ މާސްކެއް/ފޮޓޯ: ބްރާޔަން ސްމިތް

މިކަމުގައި އޮތް އެންމެ މުހިންމު ކަމަކީ އެކްޓިވް ކޭސްތައް ދެނެގަނެ، އެ ކޭސްތައް އެކަހެރިކޮށް، ކޮންޓެކްޓް ޓްރޭސް ކުރަމުން ދިއުން ކަމަށާ، ޕޮޒިޓިވް ކޭސްއެއްގެ ހުރިހާ ކޮންޓެކްޓްއެއް ހޯދާ، އެ ހުރިހާ ކޮންޓެކްޓްއެއް ކަރަންޓީނު ކުރުންވެސް މިހިންމު ކަމަށް ވެން ކެރްކޯވް ވަނީ ވިދާޅުވެފައެވެ. ކޮވިޑް-19 ފެތުރިގެންދާ ޗޭނު ކަނޑާލުމަށް މިއީ އަސާސެއް ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ވެން ކެރްކޯވް އިތުރަށް ވިދާޅުވީ، ވައިރަހަށް އިންފެކްޓް ވެފައި ވެދާނެ ކަމަށް ބެލެވޭ ހުރިހާ އެންމެން ޓެސްޓު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ޑަބްލިއުއެޗްއޯގެ އިރުޝާދަކީ ޝައްކު ކުރެވޭ ހުރިހާ ކޭހެއްވެސް ޓެސްޓު ކުރުން ކަމަށް ވެން ކެރްކޯވް ވިދާޅުވިއެވެ. އަދި ކޮންޓެކްޓުންނަކީ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހަކަށް ވީ ނަމަވެސް، އެމީހަކު ޓެސްޓު ކުރުމަށްވެސް ޑަބްލިއުއެޗްއޯއިން އިރުޝާދު ދޭ ކަމަށްވެސް ވެން ކެރްކޯވް ވަނީ ވިދާޅުވެފައެވެ.

ޖަޕާނުގެ ސިއްހީ އޮފިޝަލަކު ކޮވިޑް-19 ޓެސްޓް ކިޓްއެއް ހިފައިގެން/ފޮޓޯ: ގެޓީ އިމޭޖަޒް

ޑަބްލިއުއެޗްއޯގެ ކުއްލި ނުރައްކާތަކާ ބެހޭ މަޝްރޫއުގެ ޑައިރެކްޓާ ޑރ މައިކް ރާޔަން ވިދާޅުވީ، ގިނަ ގައުމުތަކުން ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ އަސާސެއް ކަމުގައި ހަދާފައިވަނީ ތުހުމަތު ކުރެވޭ ކޭސްތަކުގެ ކިބާގައި ބަލީގެ އަސަރު ހުރިކަން ކަށަވަރު ކުރުން ކަމަށެވެ. ކޮންޓެކްޓް ޓްރޭސް ކުރުމަށް މަގު ފަހިވެގެންދަނީ މިހާ ހިސާބުންނެވެ.

ޑރ ރާޔަން ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޓެސްޓު ކުރާނެ މީހުން ކަނޑައަޅާ، ޝައްކު ކުރެވޭ ކޭސްތައް ފާހަގަކޮށް، އެ ފަރާތްތައް ޓެސްޓު ކޮށް، ވީ އެންމެ އަވަހަކަށް ނަތީޖާ ނެރުން ކަމަށެވެ. އަދި ކަރަންޓީނު ކުރަންޖެހޭ މީހުން ކަރަންޓީނުކޮށް، އައިސޮލޭޝަންއަށް ގެންދަން ޖެހޭ މީހުން އެކަހެރި ކުރުމުގެ އަމަލީ މަސައްކަތް އަވަސް ކުރުން މުހިންމު ކަމަށްވެސް ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.

ބްރެޒިލްގެ ނަރުހެއް، ކޮވިޑް-19ގެ ރެޕިޑް ޓެސްޓެއް ދިރާސާ ކުރަނީ/ފޮޓޯ: ޕެޑްރޯ ވިލޭލާ

ކޮވިޑް-19ގެ ކްލަސްޓާތަކަށް ބަލާއިރު، ޓެސްޓު ކުރުން ފުޅާކޮށް، ފެންވަރު ރަނގަޅު، ހަލުވި ދުވެއްޔެއްގައި ޓެސްޓު ކުރުން މުހިންމު ކަމަށް ޑރ ރާޔަން ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯއިން މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ، ކޮވިޑް-19އަށް ޓެސްޓު ކުރުމުގައި ބައެއް އަމަލު ކުރަމުންދިޔަ އުސޫލުތަކަށް ބަދަލު ގެނެސް، ޓެސްޓު ކުރުން މަޑުޖައްސާލާފައިވާ ދަނޑިވަޅެއްގައެވެ.