ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އަށް ޓެސްޓު ކޮށް، ނަތީޖާ ނެރުމަކީ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށާ، ނަމަވެސް، އާބާދީގެ ނިސްބަތުން ބޮޑު އަދަދެއްގެ މި ބައްޔަށް ޓެސްޓު ކުރުމަކީ ހުރިހާ ހާލަތެއްގައި އެންމެ ފައިދާ ބޮޑު ގޮތް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ އެޕިޑެމިއޮލޮޖިސްޓް އަދި ކޮވިޑް-19ގެ ޓެކްނިކަލް ހެޑް، މާރިއާ ވެން ކެރްކޯވް ވިދާޅުވީ، ކޮވިޑް-19ގެ ޕޭޝަންޓެއް ކަމަށް ތުހުމަތު ކުރެވޭ ކޭސްތަކާ، އެ ކޭސްތަކާ އެކީ އެއްތާވީ މީހުން ވީ ވަރަކުން ޓެސްޓު ކުރުމަށް އެ އިދާރާއިން ލަފާ ދޭ ކަމަށާ، ނަމަވެސް ހާއްސަ ސަމާލުކަމެއް ދޭންވީ، ބަލީގެ އަލާމާތްތައް ފެންނަ (ސިމްޓޮމެޓިކް) މީހުން ޓެސްޓު ކުރުމަށް ކަމަށެވެ.
ކުއްލި ނުރައްކަތާ ބެހޭ ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ މައިކް ރާޔަން ވިދާޅުވީ، މުޅި އާބާދީގެ ނިސްބަތުން ބޮޑު ބައެއް ޓެސްޓު ކުރަން މަޝްރޫއުތައް ހިންގުމަކީ، ގިނަ އަދަދެއްގެ ވަސީލަތްތައް އެކަމަކަށް ހުސްކޮށްލާނެ ކަމެއް ކަމަށެވެ.
ޑަބްލިއުއެޗްއޯއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، އެމެރިކާގައި ކޮވިޑް-19އަށް ޓެސްޓުކުރުން މަޑުޖައްސާލުމަށް ހިތްވަރު ދޭ ގޮތަށް އެގައުމުގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން ގަވައިދު އިސްލާހް ކުރުމާއެކު، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެކަމުގައި ސިޔާސީ މަގުސަދެއް އޮތް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.