އެސްޓީއޯއިން ޕޮލިސް ލެބަށް ކޮވިޑް ޓެސްޓް ހެދުމަށް ބޭނުންވާ ޕީސީއާރް މެޝިނެއް ހަދިޔާ ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ޕީސީއާރް މެޝިން ހަވާލު ކޮށްފައި ވަނީ މިއަދު ކަމަށާއި އެ މެޝިންގެ ސަބަބުން ކޮވިޑަށް ހަދާ ޕީސީއާރް ޓެސްޓް ހެދުން އިތުރުވާނެ ކަމަށެވެ.

އެސްޓީއޯއިން ފުލުހުންގެ ލެބާ މެޝިންތައް ހަވާލު ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. ފުލުހުންގެ ފަރާތުން ޕީސީއާރް މެޝިނާ ހަވާލުވެ ވަޑައިގަތީ ފުލުހުންގެ ހެޑް އޮފް ފޮރިންސިކް ސާވިސެސްގެ ޑިރެކްޓިރޭޓް އަބްދުﷲ އަހުމަދެވެ.

ފުލުހުންގެ ލެބަށް އިތުރު ޕީސީއާރް މެޝިނެއް ހަދިޔާ ކޮށްފައިވާއިރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރާ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާރު ވަނީ ފުލުހުންގެ ލެބް ވެސް އިތުރުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ ބާރު މިނަށް ބަލާއިރު، އިއްޔެ އެކަނި 178 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެއާކެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7225 އަށް ވަނީ އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު މިވަނީ 4561 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައިވާ 2636 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1458 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ