ކޮވިޑް-19އާ ގުޅިގެން ތައްޔާރުކުރާ އޮބްޒްވޭޝަން ފެސިލިޓީ ތައްޔާރުކުރުމަށް އެސްޓީއޯއިން 19 އެނދު ގާއިމް ކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ތާޖުއްދީން ސްކޫލްގައި ކޮވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފައި ވާތީ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް 19 އެންދު ތައްޔާރު ކުރަމުން ދާ ކަމަށެވެ.

އެސްޓީއޯއިން އޮބްޒަވޭޝަން ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެނދު ގާއިމް ކުރަމުން ދާއިރު، ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. އަހްމަދު ޝަހީދް ވަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި ކޮވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފައިވާކަން އިއުލާން ކުރައްވާފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ އެންމެން ވެސް ފެސިލިޓީ ބޭސް އައިސޮލޭޝަނަށް ގެންދިއުމަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ގޭގައި އައިސޮލެޓް ވާން ޖެހޭ މީހުންނަށް ކުޑަވަގުތުކޮޅަކު އޮބްޒަވޭޝަނަށް ބާއްވާލެވޭނެ ފެސިލިޓީއެއްވެސް ހުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އޮބްޒްވޭޝަން ފެސިލިޓީ ތައްޔާރުކުރުމަށް އެސްޓީއޯއިން 19 އެނދު ގާއިމް ކޮށްފި / ފޮޓޯ: އެސްޓީއޯ

ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 68 ޕަސަންޓު ފުލްވެފައިވާއިރު، ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ވަނީ ފަށާފައެވެ.

އަދި އިތުރު ރިސޯޓުތައް ވެސް ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަން ލިބިފައިވާ ކަމަށާއި މާލެއިން އިތުރު ގެސްޓްހައުސްތައް ވެސް ބޭނުންކުރަން ލިބޭތޯ ބަލަމުންދާ ކަމަށް އެޗްއިއޯސީން ވަނީ ބުނެފައެވެ.