މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ބަލާއިރު 120،000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާލުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މިއަހަހުގެ ބާކީ އޮތް ތަނަށް 120،000 ރާއްޖެއަށް އަންނާނެ ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިހިނގާ އޮގަސްޓް މަހުގެ ތެރޭގައި 6000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ފަތުވެރިން ރާއްޖެއަށް އަންނަ އިރު އާންމުކޮށް 14 ދުވަހަށް ރާއްޖޭގައި މަޑުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމުގައިވެސް ކުރިން ދަތިތަކެއް ހުރި ނަމަވެސް، މިހާރު އެކަމަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހެދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރަށްރަށުން ސާމްޕަލް ގެނައުމާއި، ޓެސްޓު ހެދޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށާއި މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ހާލަތު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރެއްވޭ ކަމަށް މައުސޫމް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްތަރު ވިދާޅުވީ، ގެސްޓްހައުސް ވިޔަފާރިތައް ހުއްޓިފައި ހުރުމަކީ މިވަގުތުގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. އެގޮތުން ގެސްޓްހައުސް ސިނާއަތަކީ ފަތުރުވެރިކަމުގެ މުހިއްމު ސިނާއަތެއް ކަމަށާއި އަވަސް މުއްދަތެއްގައި ގެސްޓްހައުސް ވިޔަފާރިތައް އަލުން ހުޅުވާލެވޭނެ ދުވަހެއް ކަނޑައެޅިގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އަދި ގެސްޓްހައުސްތައް އަލުން ހުޅުވާލުމުގެ ހުއްދަ ދޭން ޖެހޭ ވަގުތު ޖެހިއްޖެކަން ސަރުކާރަށް ވެސް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.