ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް އަބްދުﷲ މައުސޫމް އަލުން ކުރައްވަން ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކި ކުރުމުން މައުސޫމު އެ މަގާމުގެ ހުވާކުރެއްވި އިރު އޭނާ ހުންނެވީ ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުން ވަކި ނުވެއެވެ. އެހެންކަމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިގޮތަށް ނިންމީ، މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުން އިއްޔެ ކޮމިޓީއަށް އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.
އަލުން ހުވާ ކުރެއްވުމަށް ލަފާ ދިނުމަށް ހުށަހެޅުއްވީ އެމްޑީޕީ މެންބަރު އަބްދުﷲ ވަހީދެވެ. ކޮމިޓީގެ އަޣުލަބިއްޔަތުން އޭނާގެ ހުށަހެޅުން ފާސްވިއެވެ.
އެގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، އެ ކަމުގައި މާ ބޮޑު ގޯހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ޝައްކެއް ނޫފުދޭ ގޮތަށް ކަންކަން ކުރުމުގެ މަގްސަދުގައި އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް މައުސޫމު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ މައުސޫމް އަލުން ހުވާ ކުރެއްވުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނާޒިމް ވިދާޅުވީ، މިކަމުގައި އޮޅުވާލުމެއް ނެތް ކަމަށާއި ކޮވިޑްގެ މިހާލަތައް ބަލައި އެ މަގާމުން ވަކިވާން ވަގުތުކޮޅެއް ނަގާފާނެ ކަމަށެވެ. އަދި އެ މަގާމަށް ހުވާ ކުރެއްވި ފަހުންވެސް މައުސޫމް ކަން ކުރައްވާފައި ވަނީ ރަނގަޅަށް ކަމަށް ވެސް އެނާ ވިދާޅުވިއެވެ. އެގޮތުން ނާޒިމް ހުށަހެޅުއްވީ، އަލުން ހުވާ ކުރަން ނުޖެހޭ ގޮތަށް އަލުން ތަޅުމަށް ރުހުން ދިނުމުގެ މައްސަލަ ހުށަހެޅުމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މި މައްސަލަ މިގޮތަށް ދިމާވީ ރައީސް އޮފީހުން ބަލަން ޖެހޭ ވަރަށް ނުބެލުމުން ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ކަމެއް ކުރާ އިރު އެކަން ތަކުރާރު ނުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެޑައި ގެންފައެވެ.