ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް އަވަސް ޝިފާ އަކަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެމަނިކުފާނު ރޭ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެކަން ހިއްސާ ކުރެއްވި ތާ މާގިނަ އިރުތަކެއް ނުވެ އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ވަނީ ފަށާފައެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހެޔޮ ދުއާ ރައީސް މައުމޫނާއެކީ ވާ ކަމަށެވެ. އަދި އަވަސް ޝިފާއަކަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މައުމޫން ކޮވިޑަށް ޓެސްޓު ކުރެއްވީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އިއްޔެއެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އޭގެ ތެރޭގައި ސިޔާސީ އިސް ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮވިޑަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް އޭގެ ނުރައްކާ ބޮޑު ބައްޔަކަށް ވާއިރު އުމުރުން 82 އަހަރުފުޅުގެ ރައީސް މައުމޫނަކީވެސް ބަލީގެ ހައި ރިސްކު ކެޓަގަރީގެ ބޭފުޅެކެވެ. އާއިލާ އިން ވަނީ މައުމޫނުގެ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައެވެ.