ސިއެސްސީގެ މެންބަރުން ހޮވުމުގައި މަސްލަހަތު އޮތް މެންބަރެއްގެ ވޯޓު ކޮމެޓީ މަރުހަލާގައި ދީފައި ނުވާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވީ އެންމެ ގާބިލް 13 ބޭފުޅުން ކަމަށެވެ. ކޮމިޓީ މަރުހަލާގައި މަސްލަހަތު އޮތް އެއްވެސް މީހަކު އެމީހަކާ ގުޅުންހުރި މީހެއްގެ އިންޓަވިއުއެއްގައި ބައިވެރިވެ ވޯޓު ދީފައި ނުވާނެ ކަމަށާއި މިކަން ބެލުމަށް މަރުހަބާ ވިދާޅުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނަންތައް ޝޯޓްލިސްޓްކުރި އިރު އެ ލިސްޓްގައި މަޖިލީހުގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅަކު އޮތުމުން އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަަޑައިގެންފައި ވަނިކޮށެވެ.
މިއަދު މަޖިލީހުގައި ނަޝީދު ވިދާޅުވެފައި ވަނީ، ޝޯޓްލިސްޓް ކުރި ލިސްޓްގައި މަޖިލީހުގެ އިއްޒަތްތެރި މެންބަރެއްގެ، އަދި ހާއްސަކޮށް މިނިވަން މުއައްސަސާ ކޮމިޓީގެ އިއްޒަތްތެރި މެންބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް އިންނެވީތީ ސުލޫކާއި އިމްތިޔާޒް ކޮމިޓީން އަދި އެއް ފަހަރު އެކަން ބަލައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓްލިސްޓް ކުރި 13 ބޭފުޅުންނެވެ. އެ 13 ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ މެންބަރެއްގެ މަސްލަހަތު އޮތް ބޭފުޅެއް އިން ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެއީ ސީދާ ކޮން ބޭފުޅެއް ކަމެއް ހާމައެއް ނުކުރައްވައެވެ.
13 ބޭފުޅުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުންގެ ނަން ހިމެނޭ އިރު އެ ކޮމިޓީގެ ބައްދަލުވުންތަކުގައި ސަނީފް ބައިވެރިވެވަޑައިގެން ވަނީ ވޯޓު ދެއްވާފައެވެ.