ކޮވިޑް19އާ ގުޅިގެން ދައުލަތުގެ އޮފީސްތަކުން ކުޑަ ކުރި މުސާރަ، އަލުން ކުރީގެ މިންވަރަށް އިޔާދަ ކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިލާއެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވެ އާމްދަނީ ދަށްވުމުގެ ސަބަބުން ކުޑަކުރި މުސާރަތައް އަލުން އިޔާދަ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާޗު 18 އަދި މެއި 16 ވަނަ ދުވަހު އެ މިނިސްޓްރީ އިން ނެރުނު ސަކިޔުލާއަށް ވަނީ އިތުރު ބަދަލުތައް ގެންނައުމަށް ވެސް ނިންމާފައެވެ.
އެގޮތުން ދައުލަތުގެ އެންމެހާ އިދާރާ ތަކުން މި މަހުން ފެށިގެން އެ ސާކިއުލާގައި ބަޔާންކޮށްފައި ވާ ފިޔަވަޅު ތަކަށް އަމަލު ކުރުން މެދުކަނޑާލަން އަންގާފައިވެއެވެ.
ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން މުސާރަތައް ކުޑަ ކުރަން ނިންމީ، ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް ކުރިން ބެލެވުނު 30 ބިލިއަން ރުފިޔާގެ އާމްދަނީގެ ބޮޑުބައެއް ނުލިބޭނެ ކަމަށް ބެލެވިގެންނެވެ. މިހާރު ބެލެވިފައިވަނީ 15 ބިލިއަން ރުފިޔާވަރު ލިބޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ބުނީ ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅުތަކާއެކު 15 މިލިއަން ރުފިޔާވަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތައް 20،001 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށާއި 3،0001 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،001 ރުފިޔާއިން ފެށިގެން މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނި ކުރުމަށާއި މަޖިލިސް މެންބަރުންގެ މުސާރައިން 30 ޕަސެންޓް އުނިކުރަން މަޖިލީހުގެ މާލިއްޔަތު ކޮމީޓީން ނިންމި ރިޕޯޓު ފާސްކުރީ މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހެވެ.