ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަނެ، މަގުމަތި ކުރަމުންދާ ދިއުމަށް ރައްޔިތުން ޖަވާބު ދޭނެ ދުވަސް އަންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ، ކޮވިޑް މެނޭޖް ކުރުމުގައިވާ އިހުމާލާއި ހިޔާނާތާއި އަދި ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގައި "މަތި ޖަހާ" ފޯކަސް އަނބުރާލުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމުގައް ހައްގު ނިގުޅާއިގަނެ މަގުމަތި ކުރަމުންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްދޭ ހަތަރު ކެޓެގަރީއެއްގެ ލިސްޓު މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެންބަރުން ވަނީ ކުރިން ފްލެޓް ދިނުމުގައި ހުރި ގިނަ ގޯސްތަކެއް ފާހަގަ ކުރައްވާފައެވެ.
އެގޮތުން ފްލެޓް ދިނުމަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ނުކޮށްވާ އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް އެ ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ. ކުރީގެ ސަރުކާރުން ފްލެޓް ދިން އިރު ދިރިއުޅުމުގެ ހާލަތާއި ދަރިން ތިބި އަދަދަށް ބަލާފައި މާކްސް ދިން ގޮތުގެ ތަފްސީލެއް ހިމަނާފައި ނުވާ ކަމަށާއި، ކަނޑައެޅިގެން ފްލެޓް ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައި ހުރިކަން އެނގެން އޮތް ކަމަށްވެސް އެ ކޮމިޓިން ވާނީ ފާހަގަ ކޮށްފައެވެ.
ހަމައެއާއެކު، ދިރިއުޅުމުގެ ހާލަތު ބަލާފައި ވާކަން ލިޔެކިޔުމުން އެނގެން ނެތުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވަނީ ފޯމު ހުށައެޅި ފަރާތަތަކުން ފޯމުގައި ލިޔެފައިވާ ބަޔާނެއްގެ މައްޗަށް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވީ ނަމަވެސް، އެއްވެސް ބަޔާނެއް ދީފައިނުވާ ފަރާތްތަކަށް ވެސް ޕޮއިންޓް ލިބިފައި ވާކަމަށް ފްލެޓް ކޮމިޓީން ބުނެއެވެ.
މީގެ އިތުރުން، މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ދިޔައިރު، ވަކި މީހަކަށް ތާއިދު ކުރަންތޯ، އަދި ވަކި މީހަކަށް ވޯޓުލަންތޯ ވެސް އަހާފައިވާ ކަމަށެވެ. ނަމަވެސް ފްލެޓް ދިނުމުގައި މި ސަރުކާރުން އެއްވެސް މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަސްލަމް ދެއްވިއެވެ.
ފްލެޓް ކޮމިޓީން މިއަދު ވަނީ ހިޔާ މަޝްރޫއުގެ 4 ކެޓަގަރިއެއްގެ ވަގުތީ ލިސްޓު އާންމު ކޮށްފައެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެ ކޮމިޓީން ދިރާސާކޮށް ވަގުތީ ލިސްޓު އާންމު ކޮށްފައި ވާ 4 ކެޓަގަރީއަކީ H4, H5, H8 އަދި H10 އެވެ.
H4 ކެޓަގަރީ އަކީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީއެވެ. އަދި H5 ކެޓަގަރީގެ ފްލެޓްތައް ޓީޗަރުންނަށް ހާއްސަ ކޮށްފައިވާއިރު، H8 ކެޓަގަރީގެ ފްލެޓްތައް ހާއްސަކޮށްފައި ވަނީ މާލޭ ރަށްވެހިންނަށެވެ. އަދި H10 ކެޓަގަރީގެ ފްލެޓް ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށެވެ.
މުއިޒުއައް ކިތައް ސިޓީލިން ހައުސިންގް ހުރި އިރުގާ ކޮބާ ޖަވާބުވެސް ނުދޭ މިހާރު ކޮންވާހަކައެއް ތިދައްކަނީ ވަރަށް ތާހިރުދޯ