ސުޕްރީމް ކޯޓުގެ ހުސްވެވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ދެ ބޭފުޅުން ކަމަށްވާ ޑރ. މުހައްމަދު އިބްރާހިމާއި، އަލްއުސްތާޒު އަލީ ރަޝީދު ހުސައިންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ، އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވެވިކަން އިއުލާން ކުރައްވާފައެވެ. ކޮމިޓީ މަރުހަލާގައި ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ފަހު ރުހުން ލިބިއްޖެ ނަމަ، މަޖިލީހުގެ ތަޅުމަށް ފޮނުވާ، މެމްބަރުންނަށް ފެންނަ ގޮތަކާ މެދު ވޯޓަށް އަހާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ ދެބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މިމަހުގެ 19 ގައެވެ.

ގާޒީ އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީކަން ހަވާލުކުރެއްވުމުގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ކުރީގެ ޖިނާއީ ކޯޓުގެ ގާޒީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

މަޖިލީހަށް ދެ ބޭފުޅަކުގެ ނަން ފޮނުވާފައިވާއިރު، ސުޕްރީމްކޯޓުގެ ބެންޗް ހަތަކަށް އިތުރުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހެވެ. ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި މަހުގެ ހަވަނަ ދުވަހެވެ.