އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަން ކުރުމަށް އޭނާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އިމާދުގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް، މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައެވެ.

އިމާދު މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައެވެ.

އިމާދު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.