އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބިލު އިސްލާހުކޮށް، ވަޒީފާއާ ބެހޭ ގާނޫނު ކޮމިޓީން ފާސްކޮށްފިއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ސަލާމުގެ ޗުއްޓީގެ ގޮތުގައި އަހަރަކު ލިބޭ 30 ދުވަހުގެ ތެރެއިން 15 ދުވަހު އެމްސީ ނެތި ބޭނުން ކުރުމުގެ އިހްތިޔާރު އޮވެއެވެ. އަދި އެމްސީއެއް ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް އެންމެ ފުރަތަމަ ހުށަހެޅި އިސްލާހަކީ ކޮންމެ ސަލާމަކާއެކު އެމްސީ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އިސްލާހަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ގިނަ އިސްލާހުތަކަކާ އެކު، މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އަދި އިގުތިސޯދީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީން އިއްޔެ ވަނީ އެ ބިލު ފާސްކޮށްފަ އެވެ. ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހަޅައިގެން ފާސްކުރުމުގެ ކުރިން ބަހުސް ކުރިއަށް ދާނެއެވެ.
އެބިލުގެ 41 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ ވެސް ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ގެނެވުނު އިސްލާހުގައި ވަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް މުވައްޒަފަކު އެދެފި ނަމަ އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން، މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށް ވުރެ ލަސް ނުވާނެ ގޮތުގެ މަތިން އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެ ކަމަށެވެ.