ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 109 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

‏މިދިޔަ 24 ގަޑިއިރުތެރޭ 109 ރަނަގަޅުވުމާއެކު، މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 4222 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 6779 މީހުންގެ ތެރެއިން 24 މީހަކު ވަނީ ނިޔާވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2531 މީހެކެވެ. އޭގެ ތެރެއިން 162 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1457 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

‏މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 119 މީހެކެވެ. އޭ ތެރޭގައި ހިމެނެނީ، 100 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 11 މީހަކާއި އިންޑިއާގެ 3 މީހަކާއި ފިލިޕީންސްގެ 3 މީހުންނާއި އެމިރޭޓްސްގެ ދެ މީހުން އަދިސްރީލަންކާގެ އެކަކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 9 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

‏މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 23 ރަށެއްގައެވެ. އެއީ ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.