ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާރެއިން ފެށިގެން، ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފިއެވެ.

މިހާރު ކުރިއަށްދާ އެޗްއޯއީސީގެ ޕްރެސްކޮންފަރެންސްފައި ތަރުޖަމާން ޑރ. ނަޒުލާ ރަފީގު ވިދާޅުވީ، މާދަމާރެއިން ފެށިގެން، ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމުގައި ދުއްވާ އެއްޗެހި މަނާ ވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި މަނާ ވާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން ޗީފް ޗްޕްރިންޑެންތް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރާ ގަޑީގައި ދުއްވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނަށް ތަކުރާރު ވާނަމަ، ވެހިކަލާއި ވެހިކަލް ދުއްވާ މީހާވެސް ޖޫރިމަނާ ކުރައްވާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކުރަމުން ދާނީ 1000ރ އިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މަނާ ގަޑީގައި ދުއްވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ވެހިކަލް ޓޯ ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

މާދަމާ ރެއިން ފެށިގެން އަލަށް އަޅާ މި ފިޔަވަޅާއެކު ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި އުޅުން މަނާކޮށްފައި އޮތް އޮތުން ދެމި އޮންނާނެއެވެ. އަދި ވެހިކަލް ދުއްވުން މާދަމާ ރޭ 8 އިން ފެށިގެން މަނާ ކުރި ނަމަވެސް ރޭގަނޑު 10 ޖަހަންދެން ފައިމަގުގައި ބޭރުގައި އުޅެވޭނެއެވެ.

ރާއްޖެއިން ކޮވިޑް ޖެހި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6564 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4012 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 191 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 3 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2527 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 166 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1398 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 25 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 5 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 21 ރަށެއްގައެވެ. އަދި 10 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 4 ފަތުރުވެރިންނާއި 13 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.