ކ. ގުރައިދޫ ކައިރީގައި މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއްގައި ހުރި ފަޅުވެރިއަކު ނިޔާވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ކ. ގުރައިދޫ ސިއްހީ މަރުކަޒުން ބުނީ، އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ. ނިޔާވީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ކ. ގުރައިދޫގެ 3 ނޯތު މޭލު ދެކުނުން މަސްވެރިކަމަށް ނުކުމެ އުޅުނު ރާސްތާ ނަމަކަށް ކިޔާ ދޯނީގައި ހުރި ފަޅުވެރިއެއް ސިއްހީ ހާލު ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 4:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެމީހާ ކ. ގުރައިދޫއަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓް ގާޑުން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމީހާ ހާލު ސީރިއަސްވެފައި ވަނީ ކާން އިންދާ ނޭވާއަށް އުނދަގޫކޮށްގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާސްތާ ދޯންޏަކީ ފ. ބިލެތްދޫ ދޯންޏެކެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއަކު ވަނީ ނިޔާވެފައެވެ. އެއީ ގއ. ވިލިނގިލި ދޯންނެއްގެ ފަޅުވެރިއަކަށް އުޅުނު އުމުރުން 41 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.