އިނާ މޯލްޑިވްސްގެ ޗާޓާ ފްލައިޓެއްގައި މޯލްޑިވިއަނުން ކާގޯ ގެންގޮސް ބިލް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މެލޭޝިޔާ ގައި ކިޔަވާ ދަރިވަރުން މިދިޔަ މަހު އެގައުމަށް ފޮނުވުމަށް މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާ ކުރި ކަމަށެވެ. އަދި އެއީ ފުލް ޗާޓާ ފްލައިޓެއް ކަމަށާއި ގަވައިދުގައި ބުނާގޮތުން ފުލް ޗާޓާއެއްގައި ހުއްދަ ކުރި ހުރިހާ ކަމެއް ކުރެވޭނެ ކަމަށެވެ.
އެގޮތުން ފަސިންޖަރުންނާއި ކާގޯ އާއި އެމީހުންގެ ލަގެޖު އުފުލުން ފަދަ ހުރިހާ ހައްގެއް އޭގެ ދަށުން ލިބޭ ކަން ފިރާގު ވަނީ ފާހަގަކުރައްވާފައެވެ. ފިރާގު އިތުރަށް ވިދާޅުވީ އެއީ ފުލް ޗާޓާއެއް ކަމަށް ވާތީ، މޯލްޑިވިއަނުން އަގުވެސް ބޮޑު ކުރި ކަމަށެވެ.
ފިރާގު ވިދާޅުވީ، އެގޮތުން މާލެއިން މެލޭޝިއާއަށް ދާއިރު، 50 މީހުންނާއި ކާގޯ މެލޭޝިއާއަށް ގެންދަން ނިންމެވި ކަމަށާއި، އަދި ފްލައިޓް އެންބުރި މާލެ އަންނަ އިރު މެލޭޝިއާއިން މާލެ އަންނަން ބަޔަކު ތިބިއްޔާ އެބަޔަކު ގެންނަން ނިންމެވި ކަމަށް ފިރާގު ވިދޅުވިއެވެ.
ފިރާގު ވިދާޅުވީ ކާގޯގެ ކަންކަން ކުރުމަށް ވަކި އެޖެންޓެއްވެސް ހަމަޖެއްސެވި ކަމަށާއި ނަމަވެސް އޭސް ޓްރެވަލްސްއަށް ނޭނގި މޯލްޑިވިއަނުން ކާގޯ ގެންގޮސް ބިލް ކުރި ކަމަށެވެ.
އަދި ޖެހިގެން އައި ދުވަހު އޭނާ އައިލެންޑް އޭވިއޭޝަނަށް ގުޅުއްވުމުން، ކާގޯ ގެންދަން A320 އިން A321 އަކަށް ބޮޑުކުރި ކަމަށް އެމީހުން (މޯލްޑިވިއަނުން) ބުނެފައިވާ ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި އެއީ އެކަން ކުރެވިގެން ވާނެ ގޮތް ނޫން ކަމަށާއި އޭނާ ޗާޓާ ކުރެއްވި ފްލައިޓެއް އެގޮތް މިގޮތް ހަދާ ބަދަލު ކުރުމުގެ ބާރު މޯލްޑިވިއަނަށް ނޯންނާނެ ކަމަށެވެ.
އެކަމާ ގުޅިގެން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ މެލޭޝިޔާގެ ކުއާލާލަމްޕޫރަށް އެ ކުންފުނީގެ ބޯޓެއް ޗާޓަރުކޮށްގެން ދަތުރުކޮށްފައި ވަނީ ޗާޓަރު ކުރި ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމައެކަނި ފަސިންޖަރުންނާއި ބެގެޖް އުފުލުމަށް ކަމަށެވެ.
މޯލްޑިވިއަން އިން ބުނީ ފުރަތަމަ މުއާމަލާތުން ފެށިގެން ދަތުރުގައި ކާގޯ ގެންދިއުމުގެ ހުއްދަ ޗާޓަރު ކުރި ކުންފުންޏަށް ދީފައި ނުވާނެ ކަމަށެވެ. އަދި ކާގޯ ގެނައުމާ ގުޅިގެން އިތުރު އެއްވެސް ޗާޖެއް ޗާޓަރު އަތުން ނަގާފައި ވެސް ނުވާނެ ކަމަށެވެ.