ދަރިވަރުން މެލޭޝިއާއަށް ގެންދިއުމަށް އަންނަ މަހު 17 ގައި ހާއްސަ ފްލައިޓެއް ހަމަޖައްސަން އޭސް ޓެވެލްސް އިން ނިންމައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ، އޭސް ޓްރެވަލްގެ ފަރާތުން ކުރަމުން ދިޔަ ޝެޑިއުލް ދަތުރުތައް ހުޢްޓާލާފައިވާ މިދަނޑިވަޅުގައި މެލޭޝިއާއަށް ކިޔަވަންދާން ބޭނުންވެފައި ތިބި ދަރިވަރުންގެ އެދުމަށް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު ޗާޓާޑް ފްލައިޓެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިހާތަނަށް އައި އިރު 75 ވަރަކަށް ދަރިވަރުން ޓިކެޓް ނަގާފައިވާ ކަމަށާއި ޖުމްލަ 110 ނުވަތަ 120 ފަސިންޖަރުންގެ ކެޕޭސިޓީއެއް އެ ފްލައީޓުން ދަތުރުކުރުމަށް ހަމަޖެހޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ.

ޗާޓަރު ކޮށްފައިވާ ފްލައިޓަކަށް ވާތީ ފްލައިޓުގެ ކެޕޭސިޓީއަށް ބަލާފައި ޓިކެޓުގެ އަގު ހަމަޖައްސާފައިވާ ކަމަށް ފިރާގް ވިދާޅުވިއެވެ. އެގޮތުން އަންނަ މަހުގެ 17 ގައި ދަތުރު ކުރާ އެ ފްލައިޓުން ޓިކެޓް މިހާރު ދޫކުރާ ކަމަށާއި ޓިކެޓުގެ އަގަކީ އިކޮނޮމީ ކްލާހުން 590 ޑޮލަރު ކަމަށް ފިރާގު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް މި ދެނީ މި ކޮޅުގައި މެލޭޝިއާއަށް ނުދެވި ތިބި ދިވެހި ކުދިންނަށް. އެއީ މި ފްލައޯޓު ހަމަޖައްސާފައި މި ވަނީ މެލޭޝިއާއަށް ކިޔަވަން ދާން ބޭނުންވެ ނުދެވިފައި ތިބި ދަރިވަރުން އެކޮޅަށް ގެންދިއުމަށް"
މުހައްމަދު ފިރާގް

އެ ކުންފުނިން އެންމެ ފުރަތަމަ މި ފްލައިޓު ބާއްވަން ނިންމީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ކޮވިޑް ގެ ސަބަބުން މިހާރު ދަރިވަރުން މެލޭޝިއާއަށް ދިއުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ގިނަ ދުވަސްތަކެއް ނަގާޓީ އަންނަ މަހުގެ 17 އަށް މި ދަތުރު ލަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސް ޓްރެވެލްސް އިން ވަނީ ޓިކެޓު ގަންނަ ދަރިވަރުންނަށް އެއްވެސް ސަބަބަކާ ހެދި މެލޭޝިއާ އަށް ނުދެވޭ ނަމަ ރިފަންޑު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފައެވެ. އެގޮތުން، ފުރާ ތާރީހުގެ ހަތް ދުވަސް ކުރިން ޓްރެވެލް ޕާމިޓް ރިޖެކްޓު ވެއްޖެ ނަމަ މުޅި ޓިކެޓުގެ ފައިސާއެއްކޮށް އަނބުރާ ލިބޭނެ ކަމަށާއި ފުރުމުގެ އެއް ދުވަސް ކުރިން އެފަދަ ކަމެއް ދިމާވެއްޖެ ނަމަ 50 ޕަސެންޓު ރިފަންޑު ކޮށްދޭނެ ކަމަށް އޭސް ޓްރެވަލްސް އިން ބުނެއެވެ.