އިންޑިއާގެ ތެލަންގާނާ ސްޓޭޓްގައި ފެނުން ހަކަތަ އުފައްދާ ޕްލާންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 9 މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ތެލަންގާނާ ސްޓޭޓްގެ ޕަވާ ޖެނެރޭޝަން ކޯޕަރޭޝަންއިން ބުނީ، މަރުވި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ސްރީސައިލާމް ޕްލާންޓްގެ ބިންގަރާހުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ހޯދުމަށް ކުރި މަސައްކަތުން ކަމަށެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ރޯވި އަލިފާންގަނޑު، ހުކުރު ދުވަހުވެސް ވަނީ އަނދާފައެވެ. އިމާރާތުގެ ތެރޭގައި މުވައްޒަފުން ތާށިވީ އެ ސަބަބާ ހެދި ކަމަށް ޚަބަރު ލިބެއެވެ.

މި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގި ވަގުތު އިމާރާތުގެ ތެރޭގައި 17 މުވައްޒަފަކު ތިބި ކަމަށް ތެލަންގާނާ ސްޓޭޓް ޕަވާ ޖެނެރޭޝަން ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. 8 މީހަކު ސަލާމަތްވެފައިވާކަމަށާ، ނަމަވެސް އެމީހުންނަށްވެސް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.