ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ވާދަވެރި ފަރާތްތަކުން މި ސަރުކާރަށް އަމާޒުކުރާ ވައްކަމުގެ ތުހުމަތުތަކަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނާއިރު، ދިވެހި ރައްޔިތުންނަށް ސާފު ވާނީ މި ސަރުކާރު ގެންދަނީ އެމްޑީޕީ މެޖޯރިޓީ މަޖިލިސް އަށް ޖާގަދީގެން، ކަންކަން ފާހަގަކޮށް އިސްލާހު ކުރަމުން ކަމަށެވެ.

ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހަށް ޖާގަ ނުދެއްވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހަށް ވެއްދީ "ސިފައިން" ކަމަށެވެ.

ރައީސް ނަޝީދު އެފަދައިން އެމްޑީޕީއާ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާފައި ވާއިރު، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވައްކަމުގެ ތުހުމަތުތައް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ރިޕޯޓުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި ވަނިކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އާންމިކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހެވެ. އަދި ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ރިޕޯޓެއް އާންމުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ.

ކޮވިޑާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. އަދި އެ ކޮރަޕްޝަންތަކާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިސްވެރިންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސަސްޕެންޑުވެސް ކުރައްވާފައެވެ.