ދަތި ކުރުމުގެ ގޮތުން އީރާނާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ރަސްމީ ސިފައެއްގައި އދއަށް ހުށަހަޅައިފިއެވެ.

އީރާނާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައި މިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމާ އީރާނުން ހިލާފުވެފައިވަމުން ދާކަމަށް ދައުވާ ކުރަމުންނެވެ. ނަމަވެސް، މި އެއްބަސްވުމުގައި އީރާނާއެކު ދެން ސޮއިކުރި ބޮޑެތި ބާރުތަކުން ދަނީ އެމެރިކާގެ ދައުވާއަށް އިންކާރު ކުރަމުންނެވެ.

އެމެރިކާގެ ސަރުކާރުގެ ފަރާތުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއަށްމި ދައުވާ ހުށަހަޅުއްވާ ދެއްވީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއެވެ. ގުޓެރޭޒްއަށް ދައުވާ ހުށަހަޅާދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮމްޕޭއޯ ވިދާޅުވީ، އދގެ ގަރާރު ނަމްބަރު 2231 ގެ ދަށުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ހައްގު، އެމެރިކާއަށް ލިބިފައިވާކަމަށެވެ.

ޕޮމްޕޭއޯ ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުންނަކީ، އެ މެމްބަރުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރައްވާނެ ބަޔަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކަން މިހެން އޮތް އިރު، އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މާޖިދު ތަޚްތު ތަވާންޗީ ވިދާޅުވީ، މިފަދަ ދައުވާއެއް ހުށަހެޅުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އެމެރިކާއަށް ލިބިގެން ނުވާ ކަމަށެވެ. ރަވާންޗީ ވިދާޅުވީ، ގަރާރު ނަމްބަރު 2231ގެ ދަށުން، ދެބަސްވުންތަކަށް ހައްލު ހޯދުމަށް އޮތް ފުރުސަތުގެ ބޭނުން ހިފުމަށް އެމެރިކާ ފެއިލްވެފައިވާކަމަށާ، އެމެރިކާއިން މި އެޅި ފިޔަވަޅަކީ ފެށުނީއްސުރެ ފެއިލްވެފައިވާ ފިޔަވަޅެއް ކަމަށެވެ.

ރަޝިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑާ ޑިމިޓްރީ ޕޮލީޔަންސްކީ ވަނީ، އެމެރިކާގެ މި ނިންމުން ކުށްވެރި ކުރައްވާ، ޓްވީޓެއް ކުރައްވާފައެވެ. މީގެ އިތުރުން ވިލާތުގެ 3 ގައުމަކުންވެސް ވަނީ އެމެރިކާގެ މި ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި އީރާނާއެކު އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުމައިގެން ކުރިއަށް ދާނެ ކަމަށްވެސް އެގައުމުތަކުން ވަނީ އިޝާރާތް ކޮށްފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ (ކ)، އެ ގައުމުން ހިންގާ ނިއުކްލިއާ ސައިޓެއް ބައްލަވާލައްވަނީ/ފޮޓޯ: އީޕީއޭ

މިއާއެކު އެމެރިކާއިންވަނީ ވިލާތަށް ވަރުގަދަ ރައްދެއް ދީފައެވެ. ޕޮމްޕޭއޯ ވިދާޅުވީ، ވިލާތުގެ ގައުމުތަކުން ސިއްރިއްޔާތުގައި އެމެރިކާގެ ކަންބޮޑުވުންތަކަށް އެއްބަސްވި ކަމަށާ، ނަމަވެސް ފާޅުގައި އެކަމަށް އެއްބަސްވުމުގެ ހިތްވަރު އެ ގައުމުތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި މި ގައުމުތަކުގެ އަމަލުތަކަކުގެ ސަބަބުން، އިރާގު، ޔަމަން، ސޫރިޔާ އަދި ލުބްނާންގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމަށްވެސް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.

ނިއުކްލިއާ ހަކަތައާ ބެހޭ ކަންކަން ވިލަރެސް ކުރަމުންދާ އދގެ އިދާރާ އައިއޭއީއޭއިންވަނީ، ސުލްހައިގެ އެއްބަސްވުމާ އީރާނުން ކޮންމެވެސް ވަރަކަށް ހިލާފުވެފައިވާކަމަށް ރިޕޯޓް ކޮށްފައެވެ. ނަމަވެސް، އެއީ 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމުން، ޓްރަމްޕްގެ ސަރުކާރުން ވަކިވުމުގެ ނަތީޖާކަމަށް ބުނެ އީރާނުން ވަނީ ދިފާއަށް ކުޅެފައެވެ.

އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަކީ މަދަނީ ބޭނުންތަކަކަށްޓަކައި ކުރިއަށް ގެންދާ، ސުލްހަވެރި މަޝްރޫއެކެވެ.