ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން 15 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފިއެވެ.

ސީއެސްސީގެ މެންބަރު ކަމަށް ޖުމްލަ 41 މީހަކު ކުރިމަތިލާފައިވާއިރު، 15 ނަމެއް މަޖިލީސް ތަޅުމަށް ފޮނުވަން ނިންމީ، އެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީންނެވެ. ސީއެސްސީ އަށް އައްޔަން ކުރަން 15 ނަމެއް ފޮނުވާފައިވާއިރު، އެ ކޮމިޝަނުން ހުސްވެފައިވަނީ 4 މެންބަރުންގެ މަގާމެވެ.

މިކަމާ ގުޅިގެން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސީއެސްސީއަށް ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީސް ތަޅުމަށް ފޮނުވަން ނިންމި 15 ފަރާތަކީ ވެސް ވަރަށް ގާބިލް ފަރާތްތައް ކަމަށެވެ. އެހެންކަމުން މިއިން ކޮންމެ ފަރާތެއް ހޮވުނަސް ސީއެސްސީން ރަނގަޅު ބަދަލެއް ފެނިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނެވެ. އަދި އެ ކޮމިޝަނުގެ މެންބަރު ކަން ކުރެއްވި އިބްރާހިމް ޝަހީގު މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

ސީއެސްސީގައި މިހާރު އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ސީއެސްސީން ވަކިކުރި މެންބަރުންގެ އިތުރުން ކޮމިޓީގެ މެންބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކުރިއަށް ގެނޮގޮސްފައެވެ. ނަމަވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން އާމިރާ މަޖިލީހަށް ފޮނުވި ސިޓީއަކާއެކު، އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ.