ރާއްޖޭގެ ދުވުންތެރިންނަަށް އަމާޒު ކޮށްގެން "އަތޮޅު ރަން"ގެ ނަމުގައި އުރީދޫ މޯލްޑިވްސުން ބާއްވަން ހަމަޖެހިފައިވާ ދުވުމަށް ރަޖިސްޓާ ވާން މިއަދު ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ، މި ދުވުމަކީ އެ ކުންފުނީގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ދުވުމުގެ ހަރަކާތެއް ކަމަށާއި މި ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. މިއީ މިގޮތަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ވާޗުއަލް ދުވުމެވެ.
ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ މި ދުވުން ހުރިހާ އަތޮޅެއްގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު ދުވުން ކުރިއަށް ގެންދާނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެން ކަމަށް އުރީދޫން ބުނެއެވެ. އެއީ ފަސް ކިލޯ މީޓަރު ދުވުމާއި 15 ކިލޯމީޓަރުގެ ރިލޭއެވެ.
އެގޮތުން 5 ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި މިއަދު ރަޖިސްޓްރީ ވާން ހުޅުވާލާފައި ވަނީ 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވާން ބޭނުންވާ ފަރާތްތަކަށް ކަމަށް އުރީދޫން ބުނެއެވެ. 15 ކިލޯ މިޓަރު ރިލޭގައި ބައިވެރިވެވޭނީ ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ 20 ދުވުންތެރިންނަށް ކަމަށް އުރީދޫން ބުނެއެވެ.
ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ދުވުން ކުރިއަށް ދާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ދުވުން ކުރިއަށް ގެންދަން ރާވާފައިވާއިރު، ކޮންމެ ރަށެއްގައި ވެސް ދުވަން ބޭނުންވާ ރާސްތާއެއް ކަނޑައަޅާ އަންގަން ޖެހޭނެ ކަމަށް އުރިދޫން ބުނެއެވެ. އަދި އުރީދޫން މި ދުވުމަށް ކަނޑައަޅާފައިވާ ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސް ކިލޯމީޓަރު ދުވުމުގެ ސްކްރީންޝޮޓެއް އުރީޑޫގެ ޕޯޓަލްއަށް ފޮނުވާލުމުން ދުވުން ފުރިހަމަ ކުރާ ހުރިހާ ދުވުންތެރިންނަށް ހަނދާނީ ލިއުމާއި މެޑަލް ދޭނެ ކަމަށް އުރީދޫން ބުނެއެވެ.
މި ދުވުން ބާއްވާނީ މި މަހު 28 ވަނަ ދުވަހުގެ ރޭ 12 އިން އިން 29 ވަނަ ދުވަހުގެ ރޭ 12އާ ހަމައަށެވެ. މި ދުވުމުގެ ރެކްޓަރެެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައި-ރަނާސްގެ ފައުންޑާ އަދި ހެޑް ކޯޗު، ހުސެއިން ޝުޖާއު (ކޯޗު ޝުޖާ) އެވެ.