ޓްރެފިކް މައްސަލަތަކުގައި ކުރާ ޖޫރިމަނާގެ އަދަދު 10,000 ރުފިޔާއަށް ވުރެ އިތުރުވާ މީހުން، ޖޫރިމަނާ ކުރުމުގެ ބަދަލުގައި މުޖުތަމައަށް ފައިދާ ކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އެބިލް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެވެ. އަދި އެ ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި ބިލް ދިރާސާ ކުރުމަށް ކުރުމަށް ފަހު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެކުލަވާލި ބިލުގެ ރިޕޯޓްގައި ބުނެފައިވަނީ ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް ދިއުމުގެ ބާރު މީރާއަށް ދިނުމުގެ އިތުރުން ޖޫރިމަނާގެ އަދަދު 10،000 ރުފިޔާއަށް ވުރެ ބޮޑުނުވާނަމަ އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެންވާ ކަމަށެވެ.

ބާރަށް ދުއްވާ އުޅަނދުފަހަރުތަކުން ޖޫރިމަނާއެއް ނެގުމަށް ނިންމާފައިވާއިރު ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. ދެވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓުމަށް ނިންމާފައިވާއިރު ތިން ވަނަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ މީހެއް ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާާނެއެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައެއް ގެއްލުމެއް ލިބިއްޖެނަމަ 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިންސަންސް ހިފެހެއްޓޭނެ ކަމަށް ވެސް ބިލުގައި ވެއެވެ.