ހެލްތު މިނިސްޓްރީ ހިންގަން މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އާ ހަވާލު ކުރައްވައިފިއެވެ.

'ދަ ޕްރެސް' އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

އަސްލަމް އާ ހެލްތު މިނިސްޓްރީ ހަވާލު ކުރެއްވީ ކޮވިޑާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.

މަސައްކަތުން އެކަހެރިވެވަޑައިގަތުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިނިސްޓަރު އަމީން ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި މިނިސްޓަރު އަމީން ވިދާޅުވީ، ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަތުމަށް ގަސްދު ކުރައްވާ ކަމަށެވެ.

އަމީން އެގޮތަށް ނިންމެވި އިރު، ރައީސް ވަނީ އޭސީސީ އާއި ފުލުހަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުވެސް ތަހުގީގު ކުރުމަށް އޭސީސީއަށް ވެސް ވަނީ ރައީސް އަންގަވާފައެވެ.

މި ކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ވަނީ ސަސްޕެންޑްކޮށްފައި ކަމަށް ހޫދު ވިދާޅުވެއެވެ.