ފަތާ ޓްރެކް ސަރަހައްދުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި ނޮވެމްބަރު މަހު ތެރޭ އެމަސައްކަތް ނިމޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފަތާ ޓްރެކް ސަރަހައްދުގައި އަޅާ އިމާރާތުގެ މަސައްކަތް، ކޮވިޑް އާ ގުޅިގެން މަޑުޖެހުމަށްފަހު މިހާރު މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ނޮވެންބަރަށް އެމަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު މަހުލޫފު ވަނީ ވިދާޅުވެފައެވެ.

އެ ޓްވީޓާއެކު މަހުލޫފު ވަނީ އެސަރަހައްދުގެ ބައެއް ފޮޓޯތައް ހިއްސާކުރައްވައިފައެވެ.

ސްވިމިން ޓްރެކް ސަރަޙައްދުގައި ފާހާނާ ބަރިއަކާއި ފެންވެރޭނެ އިންތިޒާމުގެ އިތުރުން ޗޭންޖިން ރޫމަކާ އެކު، އިށީނދެވޭނެހެން ހިޔާކުރެވިފައިވާ ސިޑިބަރިއެއް ގާއިމް ވެގެންދާނެއެވެ.

އެސަރަޙައްދުގައި އެކްސްކަވޭޓަރާ ކެރޭނު ފަދަ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން މޫދު ކޮނުމާ، މޫދުގައި ހުރި ބޮޑުހިލަ ނަގައި ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު އެސަރަޙައްދަށް މޫދަށް އެރި އުޅުމާ އެހެނިހެން ކަންކަމަށް ބޭނުން ކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެސަރަހައްދު ވަނީ މީގެ ކުރިން ބަންދުކޮށްފައެވެ.