ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދަތުރުކުރި ދެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހައްޔަރުކޮށްފައި ވަނީ ފުރަބަންދުތެރޭ މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ހިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެންގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބި ބައެއް ކަމަށެވެ. އަދި އެމީހުން ރިސޯޓުގައި ބުމަށްފަހު މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ރ. އަލިފުއްޓަށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލާގައި 2 ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ރ. އަލިފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއީ 47 އަހަރާއި 36 އަހަރުގެ ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި ދެމީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މުއްދަތު މަޖުލީހުގައި އެދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތުދީފައިވާ ކަމަށެވެ.

ފުރަބަންދުގެ ތެރޭގައި، އެޗްޕީއޭއިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ދަތުރުފަތުރު ކުރި ފަރާތްތަކާމެދު ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުން ހައްޔަރުކޮށް، އެމީހުންނަށް ވަނީ ބަންދުގެ މުއްދަތު ވެސް ޖަހާފައެވެ.

މިހަތަނަށް އައިއިރު، ރާއްޖެއިން މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 5909 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3488 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 118 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 6 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2389 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 138 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1478 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. މި ބަލި ޖެހިގެން މިހާތަނަށް ރާއްޖެއިން ނިޔާވެފައި ވަނީ 23 މީހެކެވެ.