ހެލްތު މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ކޮވިޑްއާ ގުލީގެން ހިންގާފައިވާ މުއާމަލާތްތަކުގެ ތެރެއިން ފާހަގަވި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ރައީސް މި ކޮރަޕްޝަންގެ މައްސަލަަތައް ތަހުގީގުކުރަން އަންގާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ރިޕޯޓާއި ޓޫރިޒމް މިނިސްޓްރީގެ ރިޕޯޓް ތަހުގީގު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ހެލްތް މިނިސްޓްރީގެ ރިޕޯޓް ތަހުގީގު ކުރަނީ އޭސީސީއާއި ފުލުުހުން ގުޅިގެން ކަމަށާއި ޓުއަރިޒަމް މިނިސްޓްރީގެ ރިޕޯޓް ތަހުގީގު ކުރަނީ އޭސީސީން ކަމަށް އޭނާ ވިދާޅުވިއެވެ.
މި މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް ފަރާތތަކުން ވަނީ ސަސްޕެންޑްކޮށްފައެވެ. ހަމައެއާއެކު މި މައްސަލަ ފެންމަތިވެގެން އައި އިރު ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.
ހެލްތް އަދި ޓޫރިޒަމްގެ އޮޑިޓްގައި ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އޮޑިޓް ރިޕޯޓުގައި ވަނީ ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައެވެ. އަދި އޮޅުވާލުމުގެ ގިނަ ތުހުމަތު ތަކެެއް ކޮށްފައިވާއިރު، ތިންލައްކައަށް ވުރެ ގިނަ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.