ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އާއި، ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ ބުލޮގަރު ޔާމީން ރަޝީދުގެ އާއިލާއިން ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ، އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްގެ ނަމުގައި ޖަމިއްޔާއެއް މިއަދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެ ޖަމިއްޔާ ރަޖިސްޓްރީ ކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވަނީ، ރިޟުވާނުގެ ދައްތަ ފާތުމަތު ޝެހެނާޒަށް އެ ޖަމިއްޔާގެ ރަޖިސްޓްރީ ހަވާލުކުރައްވައިފައެވެ.

މި ޖަމިއްޔާ އަކީ ރިޟްވާނާއި ޔާމީން އަދި އެނޫންވެސް އިންސާފު ނުލިބިފައިވާ ފަރާތްތަކުގެ ހައްޤުގައި އަޑު އުފުލުމާއި ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރަން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް، ގެ އިދާރާއަކީ މ. ޝައިނިން ސްޓާއެވެ.

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް 8، 2014 ގައެވެ. އޭގެފަހުން ބްލޮގަރު ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ މ. ސްޕެޓޫލާ އިމާރާތުގެ ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ.