އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ދިފާއުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިކުންނަވައިފިއެވެ.

އޮންލައިން ނޫސް "މިހާރު" އިން ރައީސް ސޯލިހާ ހަވާލާ ދީ ރިޕޯޓު ކޮށްފައި ވަނީ، ފައްޔާޒު މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ހިނގާފައި ނެތް ކަމަށާއި ރައީސް ސޯލިހުގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އޮތް ކަމަށެވެ. އަދި އޭނާ ދިފާއު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެނޫހުން ބުނެއެވެ.

އަދި އެއީ ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ވަޒީރެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ވެސް ހުންނެވީ ވަރަށް ކުރީ ސަފުގައި ކަަމަށާއި މިހާތަނަށް ފައްޔާޒުގެ އެއްވެސް ޝަކުވާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ކަންކަން ނިންމާ އިރު، އެއީ ހުރިހާ ރައްޔިތުން ރުހޭ ނިންމެވުމަކަށް ނުވެދާނެ ކަމަށާއި އެންމެންގެ މަސްލަހަތަށް ނުބައްލަވާ ދައުލަތަކުން ކަމެއް ނުނިންމާނެ ކަމަށެވެ.

އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް މިނިސްޓަރު ފަޔާއާ ދޭތެރޭގައި. ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވުމުގައި މިނިސްޓަރު ފަޔާ ހުންނެވީ. އަޅުގަނޑުމެން ވި ވައުދުތައް ފުއްދުމުގައި ވެސް ހުންނެވީ ވަރަށް ކުރީގައި. ފަޔާގެ އެއްވެސް ޝަކުވާއެއް ވެސް އަޅުގަނޑާ ހަމައަކަށް ނާދޭ. ކަންކަން ނިންމާއިރު، އެންމެން ރުހޭ ޑިސިޝަނަކަށް ނުވެދާނެ ބައެއް ފަހަރު ނެގެނީކީ. އެންމެންގެ މަސްލަހަތަށް ބަލާފައި ނޫނީ ދައުލަތަކުން ކަމެއް ނުކުރާނެ، އެހެންވީމާ ފަޔާ ދިފާއު ކުރަން އަޅުގަނޑު މަސައްކަތް ކުރާނަން
ރައީސް

ރައީސް އެފަދައިން ވިދާޅުވެފައި ވާއިރު، އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ އަދި ސިޔާސީ ބައިވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅުއްވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަން މަޖިލިހުން ފާސްކުރަން ބޭނުންވަނީ 44 ވޯޓު ކަމަށް ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވައިފައެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.