ރާއްޖޭގައި ކޮވިޑް-19އަށް އަޅާ ކޮވިޑް ފެސިލިޓީތައް އެޅުން ހުއްޓާލާ ވައްކަން ކުރާ މީހުން ރަނގަޅު ކުރުމަށް ރީހެބިލިޓޭޝަން ސެންޓަރެއް ހެދުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ކޮވިޑް-19ގެ ހަރަދުތަކާ ގުޅިގެން ތިލަވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަނެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ވައްކަން ކުރުމަކީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ އެކަން ނުކުރާނެ ކަމަށް ބުނަމުން ކަމަށް ވާއިރު މިފަދަ ބޮޑެތި ވައްކަންތައް ކުރުމަށް ހިތަށް ތަދުވާ ކަމަށެވެ.
އަދި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައިވާ މައްސައިގެ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާއަށް ވަނީ އޮޅުވާލާފައި ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް އޭނާގެ އަތުން ލާރި ނެގިއިރު އަދުލުވެރިކަމާއި، އިންސާފުވެރިކަމާއި އަދި ވައްކަން ނުކުރާނެ ކަމަށް ބުނި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވަނީ ވަކި މިނިސްޓަރެއްގެ ބަދަލުގައި މުޅި ސަރުކާރު އެއްކޮށް އިސްތިއުފާ ދޭންޖެހޭ ކަމަށާއި ކޮވިޑްގެ ކަންކަމުގައި ލިބުނު ހިލޭ އެހީ ވެސް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އެއް މިލިއަން ޑޮލަރު ވަގަށް ނެގުމުން" ޖަލަށް ލާފައި ވާއިރު މިހާރު ވައްކަން ކުރަމުންދާ މީހުން ލާނެ ޖަލެއް ވެސް ހުންނަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.