އުރީދޫ ގްރޫޕްގެ ބްރޭންޑް އެމްބެސަޑަރު ބާސެލޯނާގެ ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އާއި އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސަޑަރު ޒުވާން މަސްވެރިޔާ ހިމަނައިގެން ކުންފުނީގެ ބައިނަލްއަގުވާމީ ކެމްޕޭނެއް ލޯންޗްކޮށްފިއެވެ.

އުރީދޫން ބުނީ މެސީ އާއި ޒުވާން މަސްވެރިޔާ ހިމަނައިގެން ކުންފުނީގެ ވަރުގަދަ ނެޓްވޯކް ދައްކުވައިދޭ ބައިނަލްއަގުވާމީ ކެމްޕޭނެއް ލޯންޗްކޮށްފައި ވަނީ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ހާއްސަ ވީޑިއޯއަކުން ކަމަށެވެ. މި އަހަރު ކުރީކޮޅު ޝޫޓް ކޮށްފައިވާ އެ ވީޑިއޯގެ ޝޮޓްތައް ނެގުމަށް އުރީދޫ ޓީމާއިއެކު ޒުވާން މަސްވެރިޔާވެސް ވަނީ ދެކުނު އެފްރިކާއަށް ދަތުރުކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ އުރީދޫގެ އަމާޒާއި ތަސައްވުރާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް ވަރުގަދަކޮށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކާ ބޮޑެތި އިންވެސްޓްމެންޓްކޮށް ކެނޑިނޭޅި ދަނީ މަސައްކަތްކުރައްވަމުން ކަމަށެވެ.

އަދި އުރީދޫގެ ޓީމުން މުޅި ރާއްޖޭގައި ގާއިމް ކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްވޯކް، މެސީ އަދި ސާޖިންއާއި ގުޅިގެން ދައްކުވައިދީ ތަމްސީލުކޮށްދޭ އެ ކެމްޕޭނާއެކު ކުރިއަށް އޮތްތަނުގައިވެސް ޓެލެކޮމިއުނިކޭޝަންގެ އިޖާދީ އައު އުފެއްދުންތަކާއި ދިވެހިން ގުޅުވާލަދީ، ނެޓްވޯކް އިތުރަށް ވަރުގަދަކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

އަދި މެސީއަށް އަދި ސާޖިންއަށްވެސް މުޖުތަމައު ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓްތަކުގައި ހިއްސާވެ ކޮށްދެއްވާ މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އުރީދޫ މޯލްޑިވްސް ފެށުނީއްސުރެ މިއަދާއި ހަމައަށް އައިއިރު މުޅި ރާއްޖޭގައިވަނީ ވަރުގަދަ ނެޓްވާރކެއް ގާއިމްކޮށް، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާންމުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަން ގެނެސްދީފައެވެ. ދުނިޔޭގައި ފާހަގަކޮށްލެވޭ ތަފާތު ޓެކްނޮލޮޖީ އާއި ހިދުމަތްތައް ރާއްޖެއަށް ތައާރަފްކޮށް، މުޖުތަމައުގެ ތަރައްގީއަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫ އިން ހަރަކާތްތެރިވެފައިވަނީ އެންމެ ކުރީ ސަފުގައެވެ.

އޮގަސްޓް މަހު ކުރީކޮޅު، ކުންފުނީގެ 15ވަނަ އަހަރީ ދުވަސް ފާހަގަކުރިއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް މެދުނުކެނޑި އިންވެސްޓްކޮށް، ނެޓްވާރކް ފުޅާކޮށް، ކުރިއަށްވުރެ އެތައް ގުނައެއް އިތުރު ކުރިއެރުންވަނީ ގެނެސްދީފައެވެ. މި ދާއިރާގައި އަބަދުވެސް އެންމެ ކުރީސަފުގައި ފާހަގަކުރެވޭ ކުންފުންޏަކަށް ވީ ހިނދު، އުރީދޫއިން މިފަހުން ވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތައް، ކުރިއަށްވުރެ އިތުރު ޑޭޓާ އެލަވަންސް އަދި އެތައް ގުނައެއް ހަލުވި ސްޕީޑް ހިމެނޭގޮތަށް ބަދަލުކޮށްފައެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ޑިޖިޓަލް ދުނިޔޭގެ އެންމެހާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންމެ ރަނގަޅު ފެންވަރުގައި އިންޓަރނެޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.