ވެންޓިލޭޓަރުތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްސަލަ ވެސް ތަހުގީގު ކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓު ބެލުމުން ފެންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީގެ މައްސަލަ ނޫން ކަމަށެވެ.

މާލިއްޔަތު ގާނޫނާ ހިލާފަށް ފިނޭންސް މިނިސްޓަރު ވެންޓިލޭޓަރު ތަކުގެ ޓޯޓަލް ވެލިއޫގެ 90 އިންސައްތަ ޕޭ ކުރުން އެއީ ހިނގާފައި އޮތް ބޮޑު ޖަރީމާއެއް، ތަހުގީގު ކުރަންޖެހެ
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތައް ބަޔާން ކުރާ އޮޑިޓް ރިޕޯޓުގައި ހުރި ކަންކަމަށް ރިޔާއަތް ކޮށް، ވަކި މީހަކަށް ބެލުމެއްނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ރޭ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އާންމިކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހެވެ. އަދި ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ރިޕޯޓެއް އާންމުކޮށްފައި ވަނީ އިއްޔެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އެ މިނިސްޓްރީން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު ގަވާއިދާ އެއްގޮތަށް އެކަންތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އޭގެ އިތުރުން ކޮވިޑް-19އިން އަރައިގަތުމަށް އެމެރިކާއިން ގެނައި ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމާ ގުޅޭ ގިނަ މައްސަލަތަކެއް ވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު، ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ.

ހަމައެހެންމެ ދަށް ފެންވަރުގެ އެން95 މާސްކަށް އެ މިނިސްޓްރީން އިތުރު 1 ލައްކަ ރުފިޔާ ހޭދަކުރި ކަން ހާމަވެފައިވާއިރު، ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ފެންނަން އޮތީ އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައެވެ. އަދި އޮޅުވާލުމނުގެ ގިނަ ތުހުމަތު ތަކެެއް ކޮށްފައިވާއިރު، ތިންލައްކައަށް ވުރެ ގިނަ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.