ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހަރަކާތްތައް އަލުން ފަށަން ނިންމައިފިއެވެ.

އެމްޖޭއޭ އިން ރޭ ނެރުނު އިިއުލާނެއްގައި ބުނީ ރާއްޖޭގެ ހުރިހާ މީޑިއާތަކެއްގެ ނޫސްވެރިން ހިމެނޭ ގޮތުން ހިންގަމުން އައި އެމްޖެއޭގެ ހަރަކާތްތައް ނުހިނގާ އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު އަލުން އެ ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް މަސްއޫލުވެރިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް (ޔޫތް މިނިސްޓްރީ) އިން ޖަމްއިއްޔާއަށް އަންގާފައި ވަނީ، އަންނަ މަހުގެ 13ގެ ކުރިން ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ ޖަމިއްޔާ ނުހިނގާތާ ގިނަ ދުވަސް ވުމުގެ ސަބަބުން މެމްބަރުންގެ ދަފްތަރުގެ ސައްހަކަން ގެއްލިފައިވާތީ އަލުން މެމްބަރު ކަމަށް ހުޅުވާލާ ކަމަށާއި ޖަމިއްޔާގެ މެމްބަރު ކަމަށް ދިވެހި ހުރިހާ ނޫސްވެރިންނާއި ފްރީލާންސާސް އާއި ކޮންޓްރިބިއުޓާސް އާއި ފޮޓޯގްރާފަރުންގެ އިތުރުން ކާޓޫނިސްޓުންނާއި އާޓީސްޓުން އަދި އެޑިޓަރުންނަށް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ 2:00 އަށް ޖަމިއްޔާގެ މެމްބަރަކަށް ވުމަށް ހުޅުވާލާފައިވާ ކަމަށް އެބަޔާނުގައި ބުނެއެވެ. އަދި ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހު މެންދުރު 2:00 ގައި އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

މެމްބަޝިޕް ފޯމާއި އެހެންވެސް ލިޔުންތައް މި ލިންކު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.