އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާންމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނީ 2019 ވަނަ އަހަރު ސާފު ފައިދާގެގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް މާލީގޮތުން އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އަހަރު ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައި މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން، މި ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެސްޓީއޯ ވެބްސައިޓްގައި ހޮސްޓް ކޮށްފައިވާ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓާ ކުރުމަށް އެސްޓީއޯއިން ބުނެއެވެ. އަދި ޖަލްސާގެ އެޖެންޑާ އާއި ޖަލްސާއާ ގުޅުންހުރި އެހެނިހެން މައުލޫމާތު، އެ ވެބްޕޭޖުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހަޅާ އައިޓަމްތަކުގެ ތެރޭގައި ހިމެނެނީ، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމެވެ. ހަމައެއާއެކު 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާ ހައުސް ކޫޕާސް އައްޔަން ކުރުމަށް ވެސް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި 2 ފަރާތާއި އިންޓަވިއުކޮށް، އިވެލުއޭޓް ކުރުމަށް ފަހު އާމިނަތު ރުޝްމާ، ހ.މޮސްކޯގެ އިންތިހާބް ކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.